ޚަބަރު

މާލެ ފެނު އަޑީގައި، ފެން ހިއްކަން ސިފައިން ނިކުމެއްޖެ


  • ހެނދުނުން ފެށިގެން ހުއްޓުމެއް ނެތި މާލެއާށް ދަނީ ވާރޭވެހެމުން

  • މެދުރާއްޖެއާއި އުތުރުގެ ރަށްތަކަށް މޫސުން ގޯސް

  • ކުރިއަށް އޮތް ދެދުވަހުވެސް މޫސުން ގޯސް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެއްޖެއެވެ.

މާލެއަށް މިއަދު ހެނދުނުން ފެށިގެން ހުއްޓާނުލާ ދަނީ ވާރޭ ވެހެމުންނެވެ. ބޯކޮށް ވާރޭ ވެހޭތާ 3 ގަޑިއިރަށްވުރެ ގިނައިރުވެފައިވާއިރު، މާލޭގެ އެކި މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ޚާއްސަ ގޮތެއްގައި މާލެގެ ބޮދެތި މަގުތަކުގައި ފެންގަނޑު ބޮޑުވެ ހިނގާބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވަން ވެސް ވަނީ ދަތިވެފައެވެ.

މިއާއެކު އެމްއެންޑީއެފުން ވަނީ މާލޭގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު، ހިއްކުމުގެ މަސައްކަތް ފަށާފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާލުވީ މިއަދު ހެނދުނު 08:00އިން 10:00އަށް މާލެއަށް 65 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ.


މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށެވެ. ޚާއްސަގޮތެއްގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

މުސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މެންދުރު 12 ޖެހުމާއި ހަމައަށް ބ. އަތޮޅުން ފެށިގެން ވ.އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. އަދި އެ އަތޮޅުގެ ރަށްތަކަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށްވެސް ވައިޓް އެލާޓް ނެރެފައެވެ. އެ އަތޮޅުތަކަށް އެލާޓް ނެރުނީ ހެނދުނު ނުވައަކުން މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެ ވަގުތުތަކުގައި މެދުތެރޭގެ އަތޮޅުތަކާއި އުތުރަށް ކަނޑު ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އެ ސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައި ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ފިޔަވައި އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ތިނަދުއަށެވެ. އެގޮތުން ތިނަދޫއަށް 22.1 މިލިމީޓަރުގެ ވާރޭވެހުނުކަމަށް ވަނީ ރިކޯޑްކުރެވިފައެވެ. އެއަށް ފަހު ދެން އެންމެ ގިނައިން ވާރޭވެވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ގދ. ކާޑޭއްދޫއަށެވެ. އެއީ 17.9 މިލިމީޓަރުގެ ވާރެއެވެ. ށ. ފުނަދުއަށް 17.3 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރެކޯޑްތަކުން ދައްކައެވެ.