ސިއްހަތު

ކުޑަކުދިންނަށް ކުއްލި ފަރުވާ ދިނުމާގުޅޭގޮތުން 22 ޑޮކްޓަރަކު ތަމްރީންކޮށްފި


  • އޮސްޓްރޭލިއާގެ ތަޖުރިބާކާރު ޑޮކްޓަރުން މަޢުލޫމާތު ފޯރުކޮށްދިން

  • 22 ޑޮކްޓަރަކު ވަނީ ތަމްރީންކޮށްފައި

  • އެކްސިޑެންޓް، އެމަރޖެންސީ ޙާލަތެއްގައި ކަންކުރަންވީގޮތް ވަނީ ކިޔައިދީފައި

ކުޑަކުދިންނަށް ދިމާވާ ސިއްޙީ ޙާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ ކަންކަން ދަސްކޮށްދިނުމަށް އެޑްވާންސްޑް ޕީޑިއެޓްރިކް ލައިފް ސަޕޯޓު ކޯހެއް ކުރިއަށްގެންގޮސްފިއެވެ.

މި ކޯހަކީ އޮސްޓްރޭލިއާގެ އޭ.ޕީ.އެލް އެސް، ޔުނިސެފް އަދި ހެލްތު މިނިސްޓްރީގެ ބައިވެރިވުމާއެކު ހިންގި ކޯހެކެވެ. މި ކޯހުގައި އައި.ޖީ.އެމް.އެޗް، އޭ.ޑީ.ކޭ ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ހިމެނޭހެން 22 ޑޮކްޓަރަކު ވަނީ ތަމްރީންކޮށްފައެވެ.

ކޯހުގައި ހިމެނޭ އޮންލައިން ކޮމްޕޯނެންޓް ނިންމުމަށްފަހު، ޕްރެޓިކަލް ބައި ބާއްވާފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަންގެ ޢިމާރާތުގައެވެ. ޕްރެޓިކަލް ބައިތައް ކުރިއަށްގެންގޮސްފައިވަނީ އޮކްޓޯބަރު 31 އިން ފެށިގެން ނޮވެމްބަރު 2 ނިޔަލަށެވެ.

މި ކޯހުގައި އެކްސިޑެންޓް، އެމަރޖެންސީ އަދި ފުރާނައަށް ނުރައްކާވާފަދަ ސީރިއަސް ބައްޔަކަށް ހުށަހެޅިފައިވާ ކުއްޖެއްގެ ޙާލަތު ދެނެގަންނަން ވަނީ ދަސްކޮށްދީފައެވެ. އަދި ލިބިފައިވާ ގެއްލުމުން ނުވަތަ ތަޙައްމަލުކުރާ ބަލީގެ ސަބަބުން އިތުރަށް ދިމާވެދާނެ ކޮމްޕްލިކޭޝަންތައް ދެނެގަނެ، އޭގެން ސަލާމްކޮށް، އެކުއްޖާ ރަނގަޅު ޙާލަތެއްގައި ދެމެހެއްޓުމަށް ބޭނުންވާ އަވަސް ފަރުވާދެވޭނެގޮތްވެސް ވަނީ ދަސްކޮށްދީފައެވެ.

މި ކޯސް ހިންގުމުގައި އޮސްޓްރޭލިއާގެ އޭ.ޕީ.އެލް އެސްގެ 6 ޑޮކްޓަރުންނާއި، ކޯހުގެ ޓްރޭނަރުންގެ ތަމްރީން ލިބިފައިވާ ދިވެހި 4 ޑޮކްޓަރުން ހިމެނެއެވެ.

މި ކޯހުގައި އޮސްޓްރޭލިޔާގެ ބޮޑެތި ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން ބޭނުންކުރާ އާލާތްތައް ތަޢާރަފުކޮށްދީ، ފަންނީ މަސައްކަތްތައް ރާއްޖޭގެ ޑޮކްޓަރުންނަށް ދަސްކޮށްދިނުމާއި، އެކިއެކި ޙާލަތްތަކުގައި ހަރަކާތްތެރިވާނެގޮތުގެ ޢަމަލީ ތަމްރީންތައް ވަނީ ދަސްކޮށްދީފައެވެ. މިއީ ރާއްޖޭގައި މި ކޯސް ހިންގި 6 ފަހަރެވެ.