ފަލަސްޠީނަކީ ޤަދީމީ ތާރީޚެއް އޮތް ބިމެއްކަމަށާއި، އެބިމުގެ އަސްލު އަޙުލުވެރިންނަނީ ޢަރަބީންގެ ތެރެއިން އައިސްފައިވާ ކަންނާނީންކަމަށް ފަލަސްޠީނު ފޯރަމްގައި އައްޝެއިޚް ޢަބްދުﷲ އާމިރު ވިދާޅުވެއްޖެއެވެ.
"ފަލަސްޠީނު ފޯރަމް" ގެ ނަމުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އައްޝެއިޚް ޢަބްދުﷲ އާމިރު ވިދާޅުވީ، ފަލަސްޠީނަކީ ޔަހޫދީންގެ ބިމެއްކަމުގައި ދުނިޔެއަށް ދެއްކުމަށް ހައްދުފަހަނައެޅި ޔަހޫދީން ދައްކަމުންދާ ވާހަކަތަކަކީ ބޭކާރު ޙަޤީގަތެއް ނެތް ވާހަކަތަކެއްކަމަށެވެ.
ފަލަސްޠީނުގެ ޤަދީމީ ތާރީޚުގެ މައްޗަށް އެތައް ފޮތްތަކެއް ލިޔެވިފައިވެއެވެ. އެއީ އެންމެ ފުރަތަމަ ޢަރަބީންގެ ތެރެއިން ކަންނާނީން ވަޒަންވެރިވީ ތަނެއްކަން ތާރީޚުން އެނގެން އޮތްއިރު، އެއީ މީލާދުން 2600 އަހަރު ކުރިކަމަށް ޝެއިޚް އާމިރު ވަނީ ވިދާޅުވެފައެވެ. އަދި އަދުގެ ޔަހޫދީން ފަލަސްޠީނަކީ އެމީހުންގެ ބިމެއްކަމުގައި ދަޢުވާކުރާއިރު އެމީހުންގެ ގާތަށް ފޮނުއްވުނު ރަސޫލުންނާއި ނަބިއްޔުން ޤަތުލުކޮށް އެބޭކަލުންނަށް އީމާންނުވި ބަޔަކު އެބޭކަލުންގެ ބިމަށް ގަދަވާން އުޅުމަކީ ހަމަޖެހޭ އުޞޫލެއް ނޫންކަމަށް އައްޝެއިޚް އާމިރު ވިދާޅުވިއެވެ.
"އެތަނަކީ ތިމަންމެންގެ ބިމެކޭ ޔަހޫދީން ބުނާ ބުނުމަކީ ޙަޤީޤަތެއް ނެތް ވާހަކައެއް. އެބިމަށް އެންމެ ޙައްގުކަން ބޮޑުވާނީ އެބިމަށް ފޮނުއްވުނު ނަބީބޭކަލުންނަށް އީމާންވާ މީހުންނަށް. އެމީހުންނަކީ ރަސޫލުންނަށާއި ނަބީންނަށް ކާފިރުވެ ދުއްތުރާ ކުރި މީހުން. ރަސޫލުﷲގެފާނު ޙަދީޘްކުރައްވާފައިވޭ ތިމަންކަލޭގެފާނާއި ބެހޭގޮތުން އަޑުއިވުމަށްފަހު ތިމަންކަލޭގެފާނަށް އީމާންނުވެ މަރުވީ ޔަހޫދީއެއް އަދި ނަޞާރާއެއްކަމުގައިވީނަމަވެސް އެމީހާވާނީ ނަރަކަވެރިންނަށްކަމަށް." އައްޝެއިޚް އާމިރު ވިދާޅުވިއެވެ.
މިފޯރަމްގައި ވާހަކަދައްކަވަމުން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙުމާން ވަނީ ބަނީ އިސްރާރީލުގެ ދަރިކޮޅުގެ ވާހަކަ ތަފްޞީލުކޮށްދެއްވާފައެވެ. އެގޮތުނުން އެއީ ރަސޫލުންނާއި ނަބީން ޤަތުލުކޮށް މާތްﷲއަށް އުރެދި އެއިލާހުގެ ކޯފާ އެތައް ފަހަރަކު އަމާޒުވި ބައެއްކަމަށާއި، އެމީހުންނަށް މާތްﷲ ފަލަސްޠީނުގެ ބިން ދުވަހަކުވެސް ނުދެއްވާނެކަމަށް އައިސްފައިވާ އާޔަތްތައްވަނީ ބަޔާންކޮށްދެއްވާފައެވެ.
"ﷲތަޢާލާ މޫސާގެފާނުގެ ދުޢާ ޢިޖާބަކުރައްވާ، އެންގެވި ބަސްފުޅެއް ޤުރުއާނުގައި އޮވޭ. އެއާޔަތުގައި ތިން ތިކި ޖެހިގެންވާ ތަނެއްވޭ. އެތަނުން އެއްތަނަށް ހުއްޓަންޖެހޭ. ފުރަތަމަ ތަނަށް ހުއްޓައިފިނަމަ މާނައަކީ މާތްﷲ ބަނީ އިސްރާއީލުބާގައިގެ މީހުންގެ މައްޗަށް ފަލަސްޠީނުގެ ބިން ޙަރާމްކުރެއްވީއޭ. ދެވަނަ ތަނަށް ހުއްޓައިފިނަމަ މާނައަކީ އެބައިމީހުން 40 އަހަރުވަންދެން ދެވޭ ނުދެވޭތަނެއް ނޭނގި ބިންމަތީގައ އުޅޭނެއޭ." ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙުމާން ވިދާޅުވިއެވެ.
ފަލަސްޠީނު ފޯރަމްގައިވަނީ ފަލަސްޠީނުގެ ތާރީޚު ވަރަށް ބޮޑަށް ތަފްޞީލުކޮށް ކިޔައިދެއްވާފައެވެ. އެގޮތުން އެބިން ޙިމާޔަތްކުރުމަށް މުސްލިމުންގެ ހުރިހާ ކޮމާންޑަރުން އަބަދުވެސް ތެދުވިވަޑައިގަތްކަންވަނީ ފާހަގަކުރައްވާފައެވެ. އަދި އެބިމާއި އެބިމުގެ މުޤައްދަސްކަން ބަޔާންކޮށްދެއްވާ އެތަނަށްޓަކައި އަޑުއުފުލާ އެބިން މިނިވަންކުރުމަށް ޤުރުބާންވަމުންދަނީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންކަމަށްވުމުގެ މާނައަކީ މިއަދު އިސްލާމީ އުއްމަތް ބައިބައިވެފައިވާ މިންވަރުކަން މިފޯރަމްގައި ވަނީ ފާހަގަކުރައްވާފައެވެ.
މިފޯރަމްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީއާއި އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސްކޫލް ކުދިންނާއި ޢާއްމުންވެސް ވަނީ ބައިވެރިވެފައެވެ. މިފޯރަމް ނިންމާލާފައިވަނީ ފަލަސްޠީނަށްޓަކައި ކުރި ޚާއްސަ ދުޢާއަކުންނެވެ.
ފަލަސްޠީނުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަށް ކެތްނުވެގެން ފަލަސްޠީނުގެ މުޖާހިދުންވަނީ ހަނގުރާމަ ޢިއުލާންކޮށް އިސްރާއީލުގެ ސިފައިންނާ ދެކޮޅަށް ތެދުވެފައެވެ.