ޚަބަރު

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާއާއި ގުޅޭގޮތުން ފޮރިންގ މިނިސްޓްރީއާއި މަޝްވަރާކުރައްވައިފި


  • މަޝްވަރާކުރެއްވީ ރާއްޖެއިން ބޭރުން އަންނަ ޢިއްޒަތްތެރިންނާއި ގުޅޭގޮތުން

  • ރާއްޖެއިން ބޭރުން އަންނަނީ ސީދާ ކިތައް ބޭފުޅުންކަން އަދި ހާމަނުކުރައްވާ

  • ޖަލްސާއަށް 3500 އަށް ވުރެ ގިނަ މީހުންނަށް ދަޢުވަތު ދޭންވަނީ ނިންމަވާފައި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒާއެކު މަޝްވަރާކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، އެމިނިސްޓްރީއާއެކު މަޝްވަރާކުރެއްވީ ހުވާކުރައްވާ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރިންގެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭގޮތުންކަމަށެވެ. މިޖަލްސާގައި އަވަށްޓެރި ޤައުމުތަކުގެ ރައީސުންނާއި، ރާއްޖެއާއި ގާތްގުޅުން އޮންނަ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ ސީދާ ކޮން ޤައުމުތަކެއްގެ ވެރިންކަމެއް ރައްޔިތުންގެ މަޖިލީހުން އަދި ހާމައެއްނުކުރައްވައެވެ.

އިންތިޚާބީ ރައީސްއާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި މިމަހުގެ 17 ވަނަ ދުވަހުގައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެތަނުގައި ނުބޭއްވޭ ޙާލަތުގައި މިޖަލްސާ ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށްވެސް ވަނީ ނިންމަވާފައެވެ.


ޖުމްހޫރީ މައިދާނުގައި މިޖަލްސާ ބޭއްވުމަށްޓަކައި އެސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ސިފައިންގެ ވެލްފެއަރ ކުންފުނި ސިވެކްއާއި ޙަވާލުކޮށްގެންނެވެ. މި ޖަލްސާގެ އިންތިޒާމްތަކަށް 22.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސްއާއި ނައިބު ހުވާކުރެއްވުމުގެ ޖަލްސާއަށް 3500 މީހުންނަށް ދަޢުވަތު ދިނުމަށް ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ޤައުމުތަކުގެ އިސްވެރިންނާއި، ޤައުމުތަކުގެ ސަފީރުންނާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނާއި މިހާރުވެސް ޚިދުމަތުގައި ތިއްބެވި ބޭފުޅުން ހިމެނެއެވެ. އިންތިޚާބީ ރައީސްގެ އޮފީހުންވަނީ އޭގެ އިތުރަށް 1000 ޢާއްމުންނަށް މި ޖަލްސާގައި ބައިވެރިވުމަށް ހުޅުވާލައިގެން ދަޢުވަތު ދެއްވުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

މި ޖަލްސާގެ ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހާއި، އިންތިޚާބީ ރައީސްގެ އޮފީސް ގުޅިގެންނެވެ.