ޚަބަރު

އަރަބިއްޔާ ޕްރިންސިޕަލުކަން 30 ދުވަހުގެ ތެރޭ ޝުޖާއުއަށް ދޭން ޓްރައިބިއުނަލުން އަންގައިފި


  • ޝުޖާއު ބަދަލުކުރީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް

  • ޓްރަބިއުނަލުން ނިންމީ ވަޒީފާ އަލުން ދިނުމަށް

  • ވަޒީފާ ބަދަލުކުރީ ޤާނޫނާ ޚިލާފަށް

ޢަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެސްކޫލްގެ ޕްރިންސިޕަލުގެ މަގާމުން އެހެން މަޤާމަކަށް ބަދަލުކުރީ ގޯސްކޮށްކަމަށް ނިންމައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީއާ ބެހޭ ޓްރިބިއުނަލުން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަރަބިއްޔާގެ ޕްރިންސިޕަލްކަމުން ޝުޖާއު ބަދަލުކުރީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޝުޖާއު އެހެން މަގާމަކަށް ބަދަލުކުރީ ސިވިލް ސާވިސް ގަވާއިދުގެ ތެރެއިން ކަމަށެވެ.

މި މައްސަލާގައި ޝުޖާއު ތަމްސީލު ކުރެއްވި ވަކީލު އަލީ ސައީދު ވިދާޅުވީ, ޝުޖާއު އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ބަދަލުކުރީ ގޯސްކޮށް ކަމަށާއި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ޓްރިބިއުނަލުން ނިންމާފައިވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލުމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލުންކަމުން އެންއައިއީއަށް ބަދަލުކުރުމުން ބައެއް ގްރޭޑްތަކުގެ އިސްލާމް މާއްދާއާއި ޤުރުއާން މާއްދެ ފޮތްތައް ޕްރޫފް ރީޑް ކުރުމުގެ މަސައްކަތް ހަވާލުކުރިކަމަށެވެ. އަދި ވަޒީފާ ބަދަލުކުރި މައްސަލާގައި އެކަން ކޮށްފައިވަނީ ޤާނޫނާއި ޤަވައިދާ ޚިލާފަށްކަމުން 30 ދުވަސް ތެރޭގައި އަރަބިއްޔާގެ ޕްރިންސިޕަލް މަގާމު އަލުން އޭނާއަށް ދޭން ޓްރިބިއުނަލުން އަންގާފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ ޖެނުއަރީ 8، 2018 އަހަރުގައެވެ. އަރަބިއްޔާގެ ޕްރިންސިޕަލްކަމުން ޝުޖާއު ބަދަލުކުރުމަށްފަހު އެ މަގާމަށް ވަގުތީ ގޮތުން އައްޔަން ކުރީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދެވެ. އަދި މިހާރު އެ ސްކޫލްގެ ހިންގެވުމާ ހަވާލުވެ ހުންނެވީ އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލެވެ.