ޚަބަރު

މަޖިލިސް އިންތިޚާބަށް ޕީޕީއެމް/ޕީއެންސީ އެއްކޮށް ނުކުންނަނީ، ޕްރައިމަރީ ޖެނުއަރީ 20ގައި


  • ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އަންނަ މަހުގެ 20 އިން 31އަށް

  • ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން

  • އިންތިޚާބު އޮންނަ ތާރީޚް މިމަހު އިޢުލާންކުރާނެ

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާނީ އަަންނަ މަހުގެ 20 އިން 31 އަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީއިން ވާދަކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ރިޕޯޓުގައިވާގޮތުން 93 ދާއިރާއެއް ހިމެނެއެވެ. އެއީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށްވުރެ 6 ދާއިރާގެ އިތުރު ޢަދަދެކެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ އަންނަ އަހަރުގެ މާރިޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުކަމަށެވެ. އިންތިޚާބު ބާއްވާ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތްކަމަށާއި، އިންތިޚާބު ބާއްވާނެ ތާރީޚެއް މިމަހު އެ ކޮމިޝަނުން ޢާންމު ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 61 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރުގެ މަޖިލީހުގެ އިންތިޚާބުގެ ފޯރި މިހާރުވެސް ވަނީ ގަދަވާން ފަށާފައެވެ. އެންމެ ބޮޑު 2 ޕާޓީ އެމްޑީޕީއާއި ޕީޕީއެމުން ވަނީ އައު މަޖިލީހުގައި ހިމެނޭ 93 ގޮނޑިއަށް ވާދަކުރާނެކަން އިޢުލާންކޮށްފައެވެ. އަދި ރައީސް ނަޝީދު އިސްވެ އުފައްދައްވާފައިވާ ދަ ޑިމޮކްރެޓުންވެސް ހުރިހާ ގޮނޑިއަކަށް ވާދަކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުންވެސް މަޖިލީހުގެ އެކި ދާއިރާތަކަށް ވާދަކުރާނެކަން އާއްމުކޮށް، ތާއިދު ހޯދުމުގެ މަސައްކަތް މިހާރުވެސް ވަނީ ފަށާފައެވެ.