ޚަބަރު

ބޭރުގެ ގިނަ ޔުނިވަރސިޓީތަކަކާއެކު ހަފްތާ ބަންދުގައި ހަޔަރ އެޑިޔުކޭޝަން އެކްސްޕޯއެއް


  • އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 3-4 އަށް މީރުމާ އިވެންޓް ހޯލްގައި

  • ކުރިއަށްދާނެ ގަޑިތަކަކީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަކަށް

  • މަތީ ތަޢުލީމްގެ ފުރުޞަތުތަކާ ބެހޭ މުހިންމު މައުލޫމާތުތައް ހިއްސާކުރާނެ

ޒީޑް އިންޓަރނޭޝަނަލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަރނޭޝަނަލް ހަޔަރ އެޑިޔުކޭޝަން އެކްސްޕޯ 2023" މި ހަފްތާ ބަންދުގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 3 އިން 4 އަކަށެވެ. އެކްސްޕޯ އޮންނާނީ މީރުމާ ހޮޓެލްގެ އިވެންޓް ހޯލުގައި ހަވީރު 4:00 ކުން ރޭގަނޑު 10:00 އަށެވެ.

މި އެކްސްޕޯގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 45 އަކަށްވުރެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މެލޭޝިއާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ދުބާއީ، ސްރީލަންކާ، އިންޑިއާ، ފިލްޕީންސް، ބަންގްލަދޭޝް، ޗައިނާ، ކެނެޑާ އަދި އެމެރިކާގެ މަޤުބޫލު ޔުނިވަރސިޓީތައް ފާހަގަކޮށްލެވެއެވެ.

މިއީ ޒީޑް އިންޓަރނޭޝަލް އިން ހިންގާ ހަޔަރ އެޑިއުކޭޝަން އެކްސްޕޯގެ 3 ވަނަ އެޑިޝަނެވެ. މި އެކްސްޕޯގެ ފުރަތަމަ އެޑިޝަން ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ. އެފަހަރު 200 އަށްވުރެ ގިނަ ދަރިވަރުން ވަނީ އެކްސްޕޯގައި ބައިވެރިވެފައެވެ. ފުރަތަމަ އެޑިޝަނަށް ލިބުނު ތަރުޚީބަށް ބަލާ އެކްސްޕޯގެ ދެވަނަ އެޑިޝަން ކުރިއަށްގެންގޮސްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގައެވެ.

މި އެކްސްޕޯއަކީ އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.

އެގޮތުން މިފަހަރުގެ އެކްސްޕޯގައި ކެރިއަރ ގައިޑެންސް ދިނުމާއި، ޑޮކްޓަރުކަން ކިޔަވަން ރާއްޖޭން ބޭރަށް ދާން ބޭނުންވާ ދަރިވަރުންނަށް ހުރި ފުރުޞަތުތަކަކީ ކޮބައިކަން އަންގައިދޭނެއެވެ. އަދި ރާއްޖޭން ބޭރުގައި ހުރި ޑިގްރީ އަދި މާސްޓަރސްގެ ސްކޮލަރޝިޕް ފުރުޞަތުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރެވޭނެއެވެ. އެކްސްޕޯއަށް ޒިޔާރަތްކޮށް ބައިވެރިވެ ޑިސްކައުންޓްތަކާއެކު ލެޕްޓޮޕެއް ހޯދުމުގެ ފުރުޞަތުވެސް އޮންނާނެކަމަށް ޒީޑް އިންޓަރނޭޝަނަލުން ބުނެއެވެ.

މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ޒީޑް އިންޓަރނޭޝަނަލްގެ އީމެއިލްއަށް ބައިވެރިވާން ބޭނުންވާކަމުގެ ކޮންފަރމޭޝަން އީމެއިލެއް ފޮނުވަންޖެހެއެވެ. އަދި ބައިވެރިވާން އީމެއިލް ފޮނުވާ ބައިވެރިންނަށް ޒީޑް އިންޓަރނޭޝަނަލްގެ ކޮންސަލްޓެންޓުން ހަޔަރ އެޑިއުކޭޝަން އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެކަމަށް ޒީޑް އިންޓަރނޭޝަނަލުން ބުނެއެވެ.

ޒީޑް އިންޓަރނޭޝަނަލްއަކީ ހަޔަރ އެޑިޔުކޭޝަން، ޓޫރިޒަމް އަދި ބިޒްނަސް ކޮންސަލްޓޭޝަންގެ ދާއިރާގެ ތަޖުރިބާކާރުންގެ ގްރޫޕެކެވެ. ރާއްޖޭގައި މަތީ ތަޢުލީމާއި ޓޫރިޒަމް އަދި ބިޒްނަސް އިންވެސްޓްމަންޓްގެ ދާއިރާއިން މައުލޫމާތާއި، އިރުޝާދާއި، މަޝްވަރާ ދިނުމަކީ ޒީޑް އިންޓަރނޭޝަނަލުން ކުރަމުންދާ މައިގަނޑު މަސައްކަތްތެކެވެ.