ވިޔަފާރި

ޑޮލަރުގެ މުޢާމަލާތްތައް ކުރުމާބެހޭ ޤަވާއިދެއް އެކުލަވާލަނީ


ރާއްޖޭގައި ޒަމާނުއްސުރެ ވިޔަފާރީގެ ހުރިހާ މުއާމަލާތެއްގައިވެސް ޑޮލަރު ގެންގުޅުމުގެ އާދަ އޮންނަ ކަމަށާއި، އެއަށް ބަދަލެއް ގެނައުމަށް ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ.ޢަޒީމާ އާދަމް ވިދާޅުވެއްޖެއެވެ.

ޑޮލަރު ވިއްކުމަށް ކަނޑައަޅުއްވާފައިވާ ރޭޓަށްވުރެ މަތީ އަގުތަކުގައި ޑޮލަރު ވިއްކާ މައްސަލަ ޙައްލުކުރެއްވޭނެ ގޮތްތަކުގެ ތަފްސީލް ހާމަކުރައްވަމުން މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ.ޢަޒީމާ އާދަމް ވިދާޅުވީ، ރާއްޖޭގައި މިއޮތީ ވަރަށް ބޮޑަށް ޑޮލަރަށް ބަރޯސާވެފައިވާ އިޤްތިޞާދެއްކަމަށެވެ. ސަބަބަކީ ރާއްޖޭގެ  އެކްސްޕޯޓް ބިނާވެފައިވަނީ ފަތުރުވެރިކަމަށްވެފައި، ރާއްޖޭގެ އިމްޕޯޓު އެތައްގުނައެއް އިތުވެފައިވުންކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ހުޅުވާާލެވިފައިވާ އިޤްތިޞަދެއް އޮތް ޤައުމެއްކަމަށާއި، އެހެންކަމުން ޑޮލަރު ގެންގުޅުމުގެ އާދަ ޒަމާނުއްސުރެ ދިވެހިންގެ އޮންނަކަމަށާއި، އެއަށް ބަދަލެއް ގެންނެވުމަށް ޤަވާއިދު އެކުލަވާލެއްވުމުގެ މަޝްވަރާތައް ކުރިއަށްދަވާާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި ތަންފީޒް ނުކުރެވޭވަރުގެ ޤަވާއިދެއް ނެރުއްވަން ބޭނުންނުވާކަމަށްވެސް އަޒީމާ ވިދާޅުވިއެވެ.

އެހެން ޤައުމުތަކުގައި އޮންނަގޮތަށް ޑޮލަރު މާރުކޮށްދޭ އެކްސްޗޭންޖް ބިއުރޯ މާލޭގައި ބަހައްޓައިގެން ޑޮލަރު ވިއްކުމަށް ވަރަށް ދަތިކަމަށާއި، އެހެންކަމުން ޑޮލަރު މާރުކުރުމަށް ދޫކުރާ ލައިސަންސް ނުވަތަ މަނީ ޗޭންޖް ލައިސަންސް ދޫކުރާގޮތް ބަދަލުކުރަންޖެހޭކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. އަދި އެކަމަނާ ޤަބޫލުކުރައްވާގޮތުގައި ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިން މަނީ ޗޭންޖު ލައިސަންސް ނަންގަވަން ނުޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ، ޑޮލަރު ވިއްކުމަށް ކަނޑައަޅުއްވާފައިވާ ރޭޓަށްވުރެ މަތީ އަގުތަކުގައި ޑޮލަރު ވިއްކާ މައްސަލަ ޙައްލުކުރެއްވުމަށް ރާއްޖޭގައި އައު ޚިދުމަތްތައް ތައާރަފްކުރައްވާ، ރާއްޖެއިން ބޭރަށް ދިއުމުގެ މިންވަރު ދަށްކުރެވިއްޖެނަމަ ޑޮލަރުގެ ޑިމާންޑު ދަށްކުރެވިދާނެކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ރާާއްޖޭގެ ޞިއްޙީ ދާއިރާއަށް އައު ޚިދުމަތްތައް ތަޢާރަފްކުރައްވަމުން ގެންދަވާ ގެންދިއުން ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި ފައިސާ ފަހަށް ރައްކާ ކޮށްގެން އިންވެސްޓްކުރެވޭނެ އާދަ ޒުވާނުންގެ އަށަގެންނެވުމުގެ މުހިންމުކަންވެސް ގަވަރުނަރު ޚާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ.

ޑޮލަރު ގަނެ ވިއްކަން ހުއްދަދެއްވާފައިވާ ހުރިހާ މަނީ އެކްސްޗޭޖަރުންގެ މަޢުުލޫމާތު ގަވާއިދުން ނަންގަވާކަމަށްވެސް މަރުކަޒީ ބޭންކު އެމްއެމްއޭއިން މަޢުލޫމާތުދެއްވައެވެ.