ޚަބަރު

ބަޖެޓު 2024: ސިއްޙީ ދާއިރާއަށް 7 ބިލިއަން ރުފިޔާގެ ބަޖެޓެއް


  • ޕީއެސްއައިޕީއަށްފަހު އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ކަނޑައަޅާފައިވަނީ ސިއްޙީ ދާއިރާއަށް

  • މިހާރު އޮތް ސިއްޙީ ދާއިރާގެ ބަޖެޓުން ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލަށް 19495 ރުފިޔާޖެހޭ

  • އާސަންދަވެސް މިފަހަރު ކްލެސިފައިކޮށްފައިވަނީ ސިއްޙީ ދާއިރާގެ ދަށުން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެއްދާއިރާއަކުން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ސިއްޙީ ދާއިރާއަށެވެ. އެގޮތުން ސިއްޙީ ދާއިރާއަށް 7459 މިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. މިއީ މިހިނގާ 2023 އަށް ލަފާކުރި ބަޖެޓާއި އަޅާބަލާއިރު 48 އިންސައްތަ އިތުރު ޢަދަދެކެވެ.

ސިއްޙީ ދާއިރާއަކީ ދައުލަތުގެ ބަޖެޓުގައި އަބަދުވެސް އިސްކަމެއް ދޭ ދާއިރާއެކެވެ. އެގޮތުން އަހަރުން އަހަރަށް މިދާއިރާއަށްކުރާ ހޭދަ އަންނަނީ އިތުރުވަމުންނެވެ. ކުރިއަށް އޮތް އަހަރަށް ލަފާކޮށް މިނިސްޓްރީ އޮފް ފިނޭންސްއިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ސިއްޙީ ދާއިރާއަށްވަނީ 7459 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ސިއްޙީ ދާއިރާގެ ބަޖެޓުން ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލަށް 19400 ރުފިޔާ ޖެހޭނެއެވެ.

ސިއްޙީ ދާއިރާގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 6812 މިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 648 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ހިމަނާފައެވެ. ހިނގަމުންދާ 2023ގެ ބަޖެޓާއި އަޅާބަލާއިރު މިއަހަރުގެ ބަޖެޓުގައިވަނީ މިދާއިރާއިން ރިކަރަންޓް ޚަރަދު އިތުރުކޮށް ކެޕިޓަލް ޚަރަދުތައް ކުޑަކޮށްފައެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި އާސަންދަ އިޖުތިމާޢީ ރައްކާތެރިކަމުގެ ދަށުން ހިމަނާފައިވީ ނަމަވެސް މިއަހަރުގެ ބަޖެޓުގައި އާސަންދަވަނީ ސިއްޙީ ދާއިރާގެ ދަށަށް ބަދަލުކޮށްފައެވެ. މިއަހަރުގެ ބަޖެޓުގައި އާސަންދައިގެ ޚަރަދުތައް ހަމަޖެއްސުމަށްވަނީ 1999 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މެޑިކަލް ސަޕްލައިސް އަދި ކޮންސިއުމަބަލްސް ގަތުމަށްވަނީ 1134 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މިއީ މިއަހަރުގެ ބަޖެޓަށްވުރެ 13 އިންސައްތަ އިތުރު ޢަދަދެކެވެ. ސިއްޙީ ދާއިރާއިން ކުރިއަށްގެންދަންޖެހޭ ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައިވަނީ 439 މިލިއަން ރުފިޔާ ހިމަނާފައެވެ. މުވައްޒަފުންނަށް ހިނގާނެ ޚަރަދުގެ ގޮތުގައި 2851 މިލިއަން ކަނޑައަޅާފައިވާއިރު މިއީ 2023 ހުގެ ބަޖެޓާއި އަޅާބަލާއިރު 15 އިންސައްތައިގެ އިތުރު ޢަދަދެކެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް މިހާރުވަނީ ފޮނުވާފައެވެ. އެގޮތުން މިހާތަނަށް ހުށައެޅި އެންމެ ބޮޑު ބަޖެޓުގެ ގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ހުށައަޅާފައެވެ.