ޚަބަރު

އެސަރގެ ކޮންސެޕްޓް ސްޓޯރއެއް މާލޭގައި ހުޅުވައިފި


  • އެސަރގެ ކޮންސެޕްޓް ސްޓޯރ ހުންނަނީ ލޮނުޒިޔާރަތްމަގުގައި

  • މިސްޓޯރުން އެސަރގެ ގިނަ އުފެއްދުންތަކެއް ލިބޭނެ

  • އަފްޓަރ ސޭލްގެ ޚިދުމަތްވެސް ވަނީ ފުޅާކޮށްފައި

ޕަރސަނަލް ކޮމްޕިއުޓަރސްގެ ފަރާތުން މާލޭގައި އެސަރގެ ކޮންސެޕްޓް ފިހާރައެއް ހުޅުވައިފިއެވެ.

މި ފިހާރަ ހުންނަނީ ލޮނުޒިޔާރަތްމަގުގައި ހުންނަ ހަނީކޯނަރ ގޯޑައުން ކުރިމަތިގައެވެ.

ޕަރސަނަލް ކޮމިއުޓަރސްގެ ފަރާތުން މާލޭގައި ހުޅުވި އެސަރ ކޮންސެޕްޓް ސްޓޯރއާއެކު އެބްރޭންޑްގެ ގިނަ ތަކެތި މިފިހާރައިން ލިބިގެންދާނެއެވެ.

މިސްޓޯރ ހުޅުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕަރސަނަލް ކޮމްޕިއުޓަރސްގެ ސީއީއޯ މޫސާ އަސްވަން ބުނީ، އިންޓަރނޭޝަނަލް ބްރޭންޑެއް ރާއްޖެއަށް ތަޢާރަފްކޮށްދެއްވިގެން ދިޔުމަކީ އެކުންފުންޏަށް ލިބިގެންދިޔަ ބޮޑު ޝަރަފެއްކަމުގައެވެ. އަދި ރާއްޖޭގެ އަބާދީ ކުޑަކވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވީނަމަވެސް މިއީ އެކުންފުނިން ޙާސިލުކުރުމަށް މަސައްކަތްކުރި ބޮޑު އަމާޒެއްކަން އަސްވަން ފާހަގަކުރިއެވެ.

އަސްވަން ބުނީ އެސަރ ސްޓޯރުން ހުރިހާ ޢުމުރެއްގެ މީހުންނަށް ބޭނުންވާ ސާމާނު ލިބިގެންދާނެކަމަށެވެ. އަދި އެއްޗެއް ޚިޔާރުކުރުމުގައި އެސަރގެ މުވައްޒަފުންގެ ފަންނީ ލަފައާއި އެހީތެރިކަން ލިބިގެންދާނެކަން އޭނާ ފާހަގަކުރިއެވެ.

"މިހާރު ސްކޫލް ކުދިންނަށްވެސް ވަރަށް ކުޑައިރުން ފެށިގެން އެބަ އައިޕެޑު ފަދަ ތަކެތި ބޭނުންވޭ. އަޅުގަނޑުމެން ޕޭރަންޓުންނަށް ބުނެދޭނަން އެކުއްޖެއްގެ ބޭނުންތަކަށް އެންމެ އެކަށީގެންވާ ރައްކާތެރި އެއްޗަކީ ކޮބައިކަން. އަޅުގަނޑުމެންގެ ބޭނުމަކީ އެޑިއުކޭޓެޑް ޕޭރެންޓުންތަކެއް އުފެއްދުން. ބައެއް ފަހަރު ހީވެފައި އޮންނަނީ އަގު ބޮޑުވީމަ އެއީ އެންމެ ރަނގަޅޭ. އެހެންނެއް ނޫން." އަސްވަން ބުންޏެވެ.

ޕަރސަނަލް ކޮމްޕިއުޓަރސްއިން ބުނީ އެސަރގެ ދަށުން ދުނިޔޭގެ ހުރިހާ އެސަރ ސްޓޯރަކުންވެސް ލިބެން ހުރި ޚިދުމަތް މާލޭ ފިހާރައިންވެސް ލިބެން ހުންނާނެކަމަށެވެ. އަދި އަފްޓަރ ސޭލް ސަރވިސްގެ ޚިދުމަތްވެސް ވަރަށް ފުޅާކޮށް ކަސްޓަމަރުންނަށް ބޭނުންވާ މުހިއްމު ޚިދުމަތްތަކެއް ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ. މިގޮތުން އެސަރ ސްޓޯރުގެ ވޮރަންޓީއާއެކު ގަނެފައިވާ ލެޕްޓޮޕް އައިޕެޑު ފަދަ ތަކެތި ވަގަށް ނަގައިފިނަމަ، އެޓްރޭސްކުރެވޭނެ ޚިދުމަތްވެސް މިހާރު ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ. އަދި އޭސަރއިން ގަނެފައިވާ މުދަލެއް ހަލާކުވުމުގެ ސަބަބުން މަސައްކަތް ހުއްޓެން ދިމާވާ ޙާލަތުގައި އެސަރގެ ޕްރޮޑަކްޓެއް ވަގުތީގޮތުން ބޭނުންކުރެވޭނެ އިންތިޒާމުވެސް ހަމަޖެހޭނެކަމަށް އެކުންފުނިން ބުނެއެވެ.

އެސަރއަކީ ޓައިވާންގެ މަލެޓިނޭޝަނަލް ހަޑްވެއަރ އަދި އިލެކްޓްރޯނިކް ޓެކްނޮލޮޖީއަށް ޚާއްސަ ކުންފުންޏެކެވެ. އިންޓަރނޭޝަނަލް ބްރޭންޑެއް ރާއްޖެއަށް ތަޢާރަފްވެގެންދިޔުމަކީ އޭގެ ފައިދާ ރާއްޖެއަށް ޓެކްނޮލޮޖީގެ ދާއިރާއިން ލިބިގެންދިޔަ ކުރިއެރުމެއްގެ ގޮތުގައި އެކުންފުން ފާހަގަކުރެއެވެ. އަދި މިއީ ޕަރސަނަލް ކޮމްޕިޓަރސް ރާއްޖޭގައި ޚިދުމަތްދޭން ފެށިފަހުން މިވީ 13 އަހަރުތެރޭގައި އައިސީޓީގެ ދާއިރާއިން ގެނެވުނު އިންޤިލާބީ ބަދަލެއްކަމަށް ޕަސަނަލް ކޮމްޕިޓަރސްއިން ބުނެއެވެ.