ރިޕޯޓް

ހަކުރު ބަލި- ސަމާލުވެތިބުން މުހިންމު


ހަކުރުބަލި ޢާއްމުވާ އެންމެ ބޮޑު އެއްސަބަބަކީ، ޢާއްމު ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރުމުގައި ގިނަ ވަގުތު އިށީނދެގެން އިންނަށް އާދަކުރުމުންކަން ފާހަގަ ކުރެވިފައިވާކަމަށް ޑަބްލިއެޗްއޯއިން ބުނެފިއެވެ.

އެ ޖަމްޢިއްޔާއިން ބުނާގޮތުގައި 2030 ވަނައަހަރު އަންނައިރު ބަލިތަކުގެ ތެރެއިން އެންމެ ގިނައިން މީހުން މަރުވާ ބަލިތަކުގެ 7 ވަނައަށް ހަކުރު ބަލި އަރާނެކަމަށް ވަނީ ލަފާކުރެވިފައެވެ. ހަކުރު ބައްޔަކީ އެތެރެހަށީގެ މައިގަނޑު ހުރިހާ ގުނަވަނަކަށް ގެއްލުންދޭ ބައްޔެކެވެ.

މި ބަލީގެ ސަބަބުން ހާރޓް އެޓޭކާއި ސްޓްރޯކްއާއި ކިޑްނީގެ ބަލިތައް ޖެހުމަށް މަގުފަހިވެގެންދެއެވެ. ދެކުނު އިރުމަތީ އޭޝިޔާގެ ސަރަހައްދުގެ ޤައުމުތަކުގައި ހަކުރު ބައްޔަކީ އާންމު ޞިއްޙަތަށް ދިމާވެފައިވާ ބޮޑު ނުރައްކަލެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ސިފަކުރެއެވެ. ހަކުރުބައްޔާ ގުޅިފައިވާ އެހެނިހެން ބަލިތަކުގެ ސަބަބުން ދުނިޔޭގައި މަރުވާ މީހުންގެ ތެރެއިން ކޮންމެ 4 މީހެއްގެ ތެރެއިން އެކަކަށްވުރެ ގިނަމީހުންނަކީ ދެކުނު އޭޝީޔާގެ އިރުމަތީ އޭޝިޔާގެ ސަރަހައްދުގައި ދިރިއުޅޭ މީހުންކަމަށް ޑަބުލިއުއެޗްއޯއިން ބުނެއެވެ.

މި ސަރަޙައްދުގައި ހަކުރުބަލި އާންމުވެފައިވަނީ ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރުމުގައި ގިނަވަގުތު އިށީދެގެން އިނުމާއި ހެލިފެލިވެ ނޫޅުމުގެ އިތުރުން ގިނައަދަދެއްގެ ހަކުރާއި ލޮނާއި ފެޓް ގެ ބާވަތް ބޭނުން ކުރުމުގެ ސަބަބުންކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. އަދި މީގެ އިތުރުން ހުދުބަތާއި ހިމުން ފުށް ހިމެނޭ ކެއުން އިތުރުކުރުމަކީ ވެސް ހަކުރު ބައްޔަށް މަގުފަހިވާކަމެކެވެ.

ރާއްޖޭގައި ހަކުރުބަލީގެ ޙާލަތު ހުރިގޮތާ ބެހޭގޮތުން ވާހަކަދައްކަވަމުން ދަމަނަވެށީގެ ސީނިއަރ މެޑިކަލް އޮފިޝަރ ޑރ ޢާއިޝަތު އަރޫނާ ވިދާޅުވީ ހަކުރު ބައްޔަކީ ހުރިހާ ޢުމުރެއްގެ ހުރިހާ މީހުންނަށްވެސް ޖެހޭ ބައްޔެއްކަމަށެވެ.

ހަކުރު ބަލި ކޮންޓްރޯލްކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ޑރ. އަރޫނާ ވިދާޅުވީ ފައިދާ ހުރި ކެއުން ބޭނުން ކުރުމާއި ހަކުރު އެކުލެވޭ ބުއިންތަކުން އެއްކިބާވުމަކީ ހަކުރުބަލިން ދުރުވުމަށް ކުރެވިދާނެކަމެއް ކަމަށެވެ. އަދި ޤަވާޢިދުން ކަސްރަތުކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއްކަމަށް ޑރ. އަރޫނާ ވިދާޅުވިއެވެ.

ހަކުރުބަލި ކޮންޓްރޯލް ކުރުމަށްޓަކައި ފަރުދީގޮތުން މުޖުތަމަޢު ހޭލުންތެރިކަން އިތުރުކުރަންކުރަންޖެހެއެވެ. އަދި ޢާއްމު ދިރިއުޅުމަށް ބަދަލުގެނެސް މަތީ ފަންގިފިލާތަކަށް ސިޑިން އެރުމާއި މަސައްކަތަށް ހިނގާފައިދިއުންފަދަ ކަންތައްތައް އާދަކުރެވިދާނެއެވެ. މީގެ އިތުރުން ކަސްރަތު ކުރުމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ ހަކުރު ބަލިން ރައްކާތެރިކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެވެ.