ޚަބަރު

ހުޅުދުއާއި މިލަންދޫގައި މިސްކިތް ބިނާ ކުރުމަށް އެލްއެފް ކޮންސްޓްރަކްޝަނަށް


  • ހުޅުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް

  • މިލަންދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް

  • މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރާ މިސްކިތްތަކެއް

  • 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ

އައްޑޫ ސިޓީ ހުޅުދޫއާއި ށ. މިލަންދޫގައި މިސްކިތް ބިނާ ކުރުމަށް އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު ފިރާޤެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހުޅުދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަގަކީ 17.4 މިލިޔަން ރުފިޔާއެވެ. އަދި ށ. މިލަންދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތް ބިނާ ކުރުމަށް 15.1 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫޢުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ޙަވާލުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށާއި، އެކަމުގައި މިނިސްޓްރީގެ ފަރާތުން ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެކަމަށެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރާ މި މިސްކިތްތަކުގެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 1 އަހަރުދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށެވެ. މި މިސްކިތްތަކަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރެވޭ މިސްކިތްތަކެކެވެ.