މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް މުބާރާތުން އަމާން ވަކިވެއްޖެ


މޯލްޑިވިއަން އައިޑަލްގެ ގަދަ 7 ގައި ވާދަކުރާ ބައިވެރިން ޔަޤީންވެ، ޢިބްރާހިމް އަމާން މި މުބާރާތުން ވަކިވެއްޖެއެވެ.

ގާލާ ރައުންޑުގެ 5 ވަނަ ޝޯވގައި ވާދަކުރި 8 ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ޝޯވއަށް ދަތުރުކުރި ބައިވެރިން އިޢުލާންކޮށްފައި ވަނީ މިރޭ ބޭއްވި އެލިމިނޭޝަން ނައިޓުގައެވެ.

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 5 ވަނަ ޝޯވ "ޑެޑިކޭޝަން ނައިޓް" މި ތީމަށް ޚާއްސަކޮށްފައިވާއިރު، ރޭގެ ޝޯވގައިވެސް ބައިވެރިންގެ ވަކި ވަކި ހުށައެޅުންތައް ވަނީ ފެނިގެންގޮސްފައެވެ. އަދި ބައިވެރިން ވަނީ އެ ބައިވެރިއަކު ލަވަ އެންމެ ޚާއްސަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްފައިއެވެ. މީގެ އިތުރުން މިރޭގެ އެލިމިނޭޝަން ނައިޓުގައިވެސް ބައިވެރިންގެ ފަރާތުން ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ. img:http://s3.psmnews.mv/images/660x400/14590187667402.jpg|މޯލްޑިވިއަން އައިޑަލް - ގަދަ 8 ގައި ވާދަކުރި ބައިވެރިން / ފޮޓޯ: ޕީ.އެސް.އެމް ގަދަ 12 ބައިވެރިންނާއެކު ފެށުނު މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑު މިހާތަނަށް އައިއިރު، އަމާންގެ އިތުރުން، 4 ބައިވެރިޔަކު ވަނީ މި މުބާރާތުން ވަކިވެފައެވެ. އެ ބައިވެރިންނަކީ މުހައްމަދު އިފްހާމް އަޝްފާޤް، ފާތުމަތު ނައްބަތު، އަހުމަދު ނަޒީޙު އަދި ފާތުމަތު އަޒްލީމާއެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ.

މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް އާއްމުންގެ ފަރާތުން ބޮޑު ތަރުޚީބެއް ލިބެމުންދާއިރު، މިރޭ ބޭއްވި އެލިމިނޭޝަން ނައިޓުގައި މި ޝޯވގެ ފިރިހެން ޕްރެޒެންޓަރ މޫސާ ވަސީމްގެ ފަރާތުންވެސް ވަނީ ޚާއްސަ ހުށައެޅުމެއް ފެނިގެންގޮސްފައެވެ. މޫސަގެ މި ހުށައެޅުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ތަޢުރީފުކޮށްފައެވެ. img:http://s2.psmnews.mv/images/660x400/14590199173608.jpg| ގަދަ 7 ބައިވެރިންނާއެކު ގާލާ ރައުންޑުގެ 6 ވަނަ ޝޯވދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 1 ވާ ހުކުރު ދުވަހުގެ ރޭގައެވެ. މިހާރު ތާވަލްކުރެވިފައި ވާގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހެވެ.

މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.