ޚަބަރު

ޢިމާރާތްކުރުމުގެ ސިނާޢަތް ކުރިއެރުވުމަށް ޚާއްޞަ ވުޒާރާއެއް އުފައްދަނީ


  • ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާޢަތަކީ ޢިމާރާތްކުރުމުގެ ދާއިރާ

  • މިދާއިރާ އަބަދުވެސް އޮންނަނީ އެހެން ދާއިރާގެ ނިވަލުގައި

  • ނަމުގައި ޝަމިލުވެވޭ ވުޒާރާއެއް މިދާއިރާއަށް އުފައްދަވާނެކަމަށް

ޢިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް ޚާއްސަ ވުޒާރާއެއް އުފައްދަވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ޢިމާރާތްކުރުމުގެ ދާއިރާއަކީ ދެވަނައަށް އެންމެ ބޮޑު ސިނާއަތަށް ވީނަމަވެސް އެސިނާޢަތް އެންމެ އެދެވޭ ބާރުމިނުގައި ކުރިއަރައިގެން ނުދާކަމަށެވެ. އެކަން އެގޮތަށް ދިމާވުމުގެ މައިގަނޑު ސަބަބެއްކަމަށް ޑރ.މުޢިއްޒު ވިދާޅުވީ އަބަދުވެސް އެހެން ކޮންމެވެސް ދާއިރާއަކާއި ގުޅިގެން އެސިނާޢަތް ބެލެހެއްޓުމުގެ ސިޔާސަތުތައް ވޭތުވެދިޔަ ސަރުކާރުތަކުން ގެންގުޅުއްވާފައިވާތީކަމަށެވެ.

ކުރީގެ ސަރުކާރުތަކުންވެސް ޢިމާރާތްކުރުމުގެ ސިނާޢަތް ކުރިއަރުވަން މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރައްވާ އިންތިޚާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޒަޢާމަތުގައި އެކަން އިތުރަށް ކުރިއަށް ޖައްސަވާނެކަމަށެވެ. އެގޮތުން ޢިމާރާތްކުރުމުގެ ދާއިރާގެ ކަންކަން ބެއްލެވުމަށް ޚާއްސަ ވުޒާރާއެއް އުފައްދަވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

"ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަބަދުވެސް ކޮންމެވެސް ވުޒާރާއެއްގެ ތެރެއަށް ލެބިފައި ފޮރުވިފައިކަހަލަގޮތަށްވެސް އޮވޭ. އެހެންނަމަވެސް ކޮންސްޓްރަކްޝަން ދާއިރާ ކުރިއަށް ނެރެ، ކޮންސްޓްރަކްޝަން ދާއިރާއަކީވެސް ނަމުގައި ޝާމިލުވާ ވުޒާރާއެއް ޤާއިމުކުރާނަން." އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ ޢިމާރާތްކުރުމުގެ ދާއިރާއަށް ވަކިން ޚާއްޞަ ވުޒާރާއެއް އުފެދުމުން އެ ސިނާއަތުގެ ކަންކަމަށް ވަކިން ބޮޑު އިސްކަމެއް ދެވޭނެ ކަމަށެވެ. އަދި ދާއިރާއަށް ބޭނުންވާ ބޭރުގެ އެހީތެރިކަން ހޯދުމުގައިވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަރާތްތަކާއި، އެކި ވިޔަފާރިވެރިންވަނީ މިސިނާޢަތް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާފައެވެ. އެގޮތުން ބިދޭސީންގެ ސަބަބުން ރާއްޖޭގައި ދައުރުވާ ބޭރުފައިސާ މަދުވަމުންދާކަމާއި، ސަރުކާރުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެކި އައުޓްސްޓޭންޑިންގ ޕޭމަންޓުތައް ނުލިބުމުގެ ސަބަބުން ވިޔަފާރިތަކަށް ބުރުއަރައި ސަޕްލަޔަރުންގެ މެދުގައި އޮންނަ އިތުބާރު ގެއްލުމާއި، ވިޔަފާރިތައް ބަނގުރޫޓުވުމުގެ ކަންބޮޑުވުމާއި، މިނިސްޓްރީ އޮފް ފިނޭންސުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ޝަކުވާ އެކި ވިޔަފާރިވެރިންވަނީ އިންތިޚާބީ ރައީސްއާއި ހިއްސާކުރައްވާފައެވެ.މި ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާއިން ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެވަޑައިގަތެވެ.