ޚަބަރު

މަތީ ތަޢުލީމުގެ ލޯނަށް ސަޕްލިމެންޓަރީ ބަޖެޓުގައި 500 މިލިއަން ރުފިޔާ


  • ސަޕްލިމެންޓްރީ ބަޖެޓުގެގޮތުގައި ހުށައަޅާފައިވަނީ 6.5 ބިލިއަން ރުފިޔާ

  • ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ ހިމަނާފައިވޭ

  • އާސަންދައަށް 1.2 ބިލިއަން ރުފިޔާ ހިމަނާފައިވޭ

  • ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ހިމަނާފައިވޭ

މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ލޯނު ޕްރޮގްރާމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށް، އިތުރު 6.5 ބިލިއަން ރުފިޔާ ޚަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ހުށަހަޅާފައެވެ. މިއާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި ސަޕްލިމަންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅައިފައި ވަނީ ޕީއެސްއައިޕީއާއި، އާސަންދައާއި، ސަބްސިޑީތަކަށް ކުރާ ޚަރަދުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށް ކަމަށެވެ. ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން މިއަހަރު ވަނީ ބަޖެޓު ތައްޔާރުކުރިއިރު އަންދާޒާކުރި މިންވަރަށްވުރެ އިތުރު ދަރިވަރުންނަށް ލޯނު ދޭން ނިންމާފައެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް ލޯނު ސްކީމްގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވަން ފަށާ މިންވަރު އިތުރުވުމުން މިއަހަރުތެރޭގައި އިތުރަށް ޚަރަދު ހިނގާނެކަމަށް ލަފާކޮށް 500 މިލިއަން ރުފިޔާވަނީ ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވާލީ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. މިފަހަރު ހުޅުވާލީ 720 ލޯން ފުރުޞަތަށް 1507 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އެއީ 1275 ދަރިވަރުންނެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު، ސަޕްލިމަންޓަރީ ބަޖެޓު ފައިނޭންސްކުރުމަށް 6.1 ބިލިއަން ރުފިޔާ ބޭނުންވެއެވެ. މީގެތެރެއިން 1.1 ބިލިއަން ރުފިޔާ ބޭނުންކުރުމަށް ރާވާފައިވަނީ ޕީއެސްއައިޕީ ފައިނޭންސްކުރުމަށެވެ. މީގެއިތުރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި އިތުރު 200 މިލިއަން އެމެރިކާ ޑޮލަރު ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވެއެވެ. އަދި އެތެރޭގެ ފަރާތްތަކުން 1.9 ބިލިއަން ރުފިޔާ ހޯދުމަށްވެސް ރާވައިފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މި އަހަރު ތެރޭގައި ޚަރަދުވާނެކަމަށް ބެލެވޭތީކަމަށެވެ.

މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިނގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެ ނޫން ޚަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވައިފައިވާ ގިނަ ފިޔަވަޅުތައް ރާވައިފައިވާ ގޮތަށް ތަންފީޒުވެފައިނުވާތީ، އެ ކަންކަމުން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީވެސް މިހާރު ދަށްވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.