ސްޕެނިޝް ލީގުގައި ރޭ ޖޫޑް ބެލިންހަމް ކާމިޔާބުކުރި ދެ ލަނޑާއެކު ރެއާލް މެޑްރިޑުން ވާދަވެރި ބާސެލޯނާ ބަލިކޮށްފިއެވެ.
އެލް ކްލަސިކޯގެ ނަމުން މަޝްހޫރުވެފައިވާ މި މެޗު ރެއާލުން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފަވަނީ ރެއާލުންނެވެ. އެކަމަކު ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ބާސެލޯނާއިންނެވެ.
މެޗު ފަށައިގެން ހަވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިލްކާއީ ގުންޑޮގާންއެވެ. މެޗުގެ ފުރަތަމާ ހާފްގައި ރެއާލް މެޑްރިޑްއަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު، ބާސެލޯނާގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މި މެޗުގައި ރެއާލުގެ ކުޅުން ބަދަލުވެގެން ދިޔައީ ދެވަނަ ހާފުގެ ކުރީކޮޅު ގެނައި ބަދަލާއެކުއެވެ. އެގޮތުން އެޑްވާޑޯ ކަވަމިންގާ އާއި ލޫކާ މޮޑްރިޗް ވަނީ ކުޅެން ނުކުމެފައެވެ.
ބާސެލޯނާއަށް ދެވަނަ ހާފްގެ ކުރީކޮޅު ލީޑު ފުޅާކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އިނީހޯ މާޓިނޭޒް އާއި ރޮނާލްޑް އަރައުހޯއަށެވެ. މި މެޗުގައި ރެއާލްއިން އެއްވަރުކުރި ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، 30 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުން އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމްއެވެ.
ރޭގެ މެޗުގައި ފަހު ބައިގައި ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލަށް ވަނީ ފުރުސަތު ދީފައެވެ. މިއާއެކު އޭނާ ވެފައިވަނީ އެލް ކްލަސިކޯގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ. މި މެޗުން ރެއާލް މޮޅުވި ލަނޑު ބެލިންހަމް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތު ތެރޭގައެވެ. މިއީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. އަދި ރޭގެ މެޗުގެ ޖެހި ދެ ލަނޑާއެކު ބެލިންހަމް ވަނީ މި ސީޒަންގައި އިނގިރޭސި ގައުމީ ޓީމަށާއި ރެއާލަށް ކުޅުނު 16 މެޗުގައި ޖުމްލަ 14 ލަނޑު ކާމިޔާބުކޮށްފައެވެ.
ބާސެލޯނާ އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައިގަ ރެއާލް އޮތީ 28 ޕޮއިންޓާއެކުއެވެ. ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ޖިރޯނާ ދެވަނައިގައި އޮތް އިރު ބާސެލޯނާ ތިންވަނައިގަ އޮތީ 24 ޕޮއިންޓާއެކުއެވެ. އަދި އެތުލެޓިކޯ މެޑްރިޑް ހަތަރުވަނާގައި އޮތީ 22 ޕޮއިންޓާއެކުއެވެ.