އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް ނުވަވަނަ ފުޓްސަލް މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތަައް ކުޅުދުއްފުށީ ކުލަބު ކޭއާރްއެޗް އާއި ކުޅުދުއްފުށި ޕޮލިހުން ކާމިޔާބުކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީގެ "ޒިގްޒެގް" އިން އިސްނަގައިގެން ބާއްވާ މިމުބާރާތުގައި 11 ޓީމު ވާދަކުރެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ވާދަކުރީ ކުޅުދުއްފުށި ޕޯޓް ރެކްރިއޭޝަން ކުލަބާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ.
މެޗު ފަށައިގެން ދެޓީމުންވެސް ވާދަވެރި ކުޅުމެއް ކުޅެފައިވާއިރު ގިނަ ހަމަލާތަކެއް ދެޓީމުންވަނީ އުފައްދާފައެވެ. މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 14 ވަނަ މިނިޓުގައި ކާމިޔާބުކުރީ ކްލަބު ކޭއާރުއެޗްގެ ކެޕްޓަން އަހުމަދު ދާއޫދެވެ. ކޭއާރުއެޗްގެ ދެވަނަ ގޯލަކީ ދެވަނަ ހާފު ނިމެމުން ދެނިކޮށް ޕޯޓުގެ އަބޫބަކުރު އަލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗުގައި މޮޅު ކުޅުމެއްދެއްކި ދާއޫދެވެ.
ދެވަނަ މެޗު ޕޮލިހުން ކާމިިޔާބުކުރީ އޭއީސީ އާއި ވާދަކޮށް 9-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހުޝާމް ވަނީ 4 ގޯލު ކާމިޔާބު ކޮށްދީފައެވެ. މެޗުގައި ޕޮލިސް ޓީމުގެ ހުސެއިން މޫސާ އާއި، ހުސެއިން މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. މެޗުގައި އަހުމަދު އާސިމްވެސް ވަނީ ފުލުހުންނަށް ގޯލެއް ކާމިޔާބު ކޮށްދީފައެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްސަލް ކުޅުންތެރިން ފެނިގެންދާ މިމުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަކުން ފެށިގެން ފައިނަލް މެޗާއި ހަމައަށް ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ. އަދި މުބާރާތް ފެށިގެން ކުއާޓާއާއި ހަމައަށް ޒިގްޒެގުގެ ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭނެއެވެ.
މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.
މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސް ޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކާނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންދަލިޔާ ބުކްޝޮކް އަދި ސީންއެވެ.