 
										
			ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ސްކޫލުތަކުގެ ނެޓްބޯޅަ މުބާރާތް މާލޭގައި ފަށައިފިއެވެ. 
މުބާރާތް ކުރިޔަށްދަނީ ހަތަރު އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުންދަށާއި 15 އަހަރުންދަށުގެ އިތުރުން 17 އަހަރުންދަށާއި 19 އަހަރުންދަށެވެ. 
ސޯޝަލް ސެންޓަރ އިންޑޯގައި ފެށި މި މުބާރާތުގެ ފުރަތަމަ ދުވަހު ޖުމްލަ ހަތަރު މެޗެއް ކުޅެފައިވެއެވެ. އެގޮތުން 13 އަހަރުންދަށުގެ ބައިން ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައިވަނީ ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލެވެ. 
ތާޖުއްދީން ސްކޫލް މެޗު ކާމިޔާބުކޮށްފައިވަނީ އަރަބިއްޔާ އާއި ވާދަކޮށް 11-04 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތާޖުއްދީން ސްކޫލުގެ މަޒްހާ އަލީއެވެ. އިމާދުއްދީން މެޗު ކާމިޔާބުކުރީ ދަރުމަވަންތަ ސްކޫލާއި ވާދަކޮށް 36-01 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިމާދުއްދީނުގެ ކެޕްޓަން އައިޝަތު އައިނީ އަބޫބަކުރެވެ. 
ދެން ކުޅުނީ 17 އަހަރުންދަށުގެ ބައިން ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލެވެ. ވާދަވެރި ކުޅުމަކަށްފަހު 39-41 އިން މި މެޗު ކާމިޔާބުކުރީ ތާޖުއްދީން ސްކޫލެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތާޖުއްދީންގެ ކެޕްޓަން އީޝަލް މުހައްމަދެވެ. 
ހަތަރުވަނަ މެޗަކީ 19 އަހަރުންދަށުގެ ބައިގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ ހައި އިންޓަނޭޝަނަލް ސްކޫލެވެ. މި މެޗު 45-28 އިން ކާމިޔާބުކުރީ ވިލާ އެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލާގެ އާމިނަތު އައިނީއެވެ. 
27 އޮކްޓޯބަރުން 7 ނޮވެމްބަރުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގެ ކުއާޓާފައިނަލް މެޗުތައް ނޮވެމްބަރު 5 ގައި ފަށާއިރު ސެމީފައިނަލް މެޗުތައް ކުޅޭނީ 6 ނޮވެމްބަރުގައެވެ. އަދި އުމުރުފުރާތަކުގެ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ 7 ނޮވެމްބަރުގައެވެ. 
މި މުބާރާތް ބާއްވަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އެވެ. ނެޓްބޯލް އެސޯސިއޭޝަނުގެ އަމާޒަކީ މި މުބާރާތާއެކު އުމުރުފުރާތަކުގެ ޤައުމީ ޓީމު އެކުލަވާލާ މުސްތަޤްބަލަށް މަސައްކަތްތަކެއް ފެށުމެވެ.