ރިޕޯޓް

މަގުމައްޗަށް ކުޅުންޖެހުން - ހައްލުކުރަންޖެހިފައިވާ މައްސަލައެއް


ތަރައްޤީއާއެކު އަޅުގަނޑުމެން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ.

އަޅުގަނޑުމެން ކެއުންބުއިމަށް ބޭނުންކުރާ ތަކެތިން ފެށިގެން، ލައި އުޅޭ ހެދުމަށް ބަލާލިކަމުގައިވިޔަސް މި ދެންނެވި ބަދަލު ސިފަވެގެންދެއެވެ. ފަހުގެ ފެޝަނާއި، ޒަމާނީ ވަސީލަތްތަކަށް ލޯބިކުރާ ދިވެހިން މިހާރު މަދެއްނޫނެވެ. ނަމަވެސް އެނގޭހެއްޔެވެ؟ ބޭރުގެ އެންމެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގައިވެސް ނުފެންނަފަދަ، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު އެތައް ޢަމަލެއް އަޅުގަނޑުމެންގެ މިކުޑަ ކުޑަ މުޖުތަމަޢުތެރޭގައި ދަނީ އިތުރުވަމުންނެވެ. ތަރައްޤީއާއެކު އަޅުގަނޑުމެން ބޭނުންނުވާ ކިތަންމެ އާދަތަކެއް މިހާރު މިވަނީ ގިނަ ދިވެހިންގެ ގައިގައި އަށަގަނެފައެވެ.

img:http://s3.psmnews.mv/images/660x400/14589929207664.jpg|މާލޭގެ މަގުމަތި- ގިނަ މަގުތަކުން ރަތްކުޅު ޖަހާފައި ހުނަން މަންޒަރު ވަރަށް ގިނައިން ފެނޭ- ފޮޓޯ: ޕީއެސްއެމް

މީގެތެރެއިންވެސް މަގުމައްޗަށް ކުޅު ޖެހުންފަދަ ނޭދެވޭ ސިފަތައް ފެންނަލެއް މަދެއް ނޫނެވެ. މިއީ އޭގެ ސަބަބުން އިޖްތިމާޢީ މައްސަލަތަކުގެ އިތުރުން ޞިއްޙީ މައްސަލަތައްވެސް ދިމާވާ ކަމެކެވެ. ރާއްޖޭގެ އާބާދީގެ އެންމެ ބޮޑުބައެއް ދިރިއުޅޭ ވެރިރަށް މާލޭގެ މަގުތަކަށް ބަލާލުމުންވެސް މިކަން ވަރަށް ބޮޑަށް ފެނިގެންދެއެވެ.

ކެއްސާލުމަށްފަހު ނުވަތަ ކަރުކެހެލުމަށްފަހު މަގުމަތިން ހިނގާފައިދަނިކޮށް، ފައިދަށަށް ވާގޮތަށްވެސް މީހަކު ކުޅުގަނޑެއް ޖަހާ މަންޒަރު ނުވަތަ، ހެޔޮވަރު ވަރަކަށް ދުފާލުމަށްފަހު ސައިހޮޓަލުން ނިކުމެ، ދޮރުބުޑަށްވާގޮތަށްވެސް މީހުން ކުޅުޖަހާ މަންޒަރު ފެންނަލެއްވެސް މަދެއްނޫނެވެ. މިކަންކުރާ ބަޔަކަށް މިއީ އާދައިގެ ކަމެއްކަމަށް ހީކުރެވިފައިވީނަމަވެސް، މިއީ އެންމެވެސް ވިސްނާނުލާ ދޫކޮށްލެވޭ ވަރަށް ވުރެއް ބޮޑުވެފައިވާ މައްސަލައެކެވެ. ބަލާލަން ހުތުރަސް، މިވާހަކަ ނުދައްކާވެސް ތިބެވޭކަށް ނެތެވެ.

ވިސްނާނުލާ ތިމާ މަގުމައްޗަށް ޖަހާ ކުޅުގަނޑާއެކު އެ ދޫކޮއްލެވެނީ އެތަކެއް ޖަރާސީމެކެވެ. އެ ޖަރާސީމުތައް ވަޔާއެކުވެ، އެކި ކަހަލަ ބަލިތައް ފެތުރުމަށް މަގުފަހިވެގެންދެއެވެ. އެޗް.ޕީ.އޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ޢިބްރާހިމް އަފްޒަލް ވިދާޅުވީ، މިގޮތަށް މަގުމައްޗަށް ކުޅުޖެހުމުގެ ސަބަބުން، އަރިދަފުސް ރޯގާއާއި، އެކި ކަހަލަ ގައިންގަޔަށް އަރާބަލިތަކާއި އިންފެކްޝަންތައް ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށެވެ. މަގުމަތީ ހިނގާފައިވާދާއިރު މިހާރަކަށް އައިސް އާއްމުކޮށް ފެންނަ އެއް މަންޒަރަކީ ގޭގޭގެ ފާރުބުޑަށާއި، ކެފޭ ހޮޓާ ފަދަ ތަންތަނުގެ ކުރިމައްޗަށްވާގޮތަށް ދުފުމަށްފަހު، ޕޭވްމަންޓަށާއި، ކާނުގަނޑަށް ރަތް ކުޅުގަނޑު ޖަހާފައި ހުންނަ މަންޒަރެވެ. ދުފުމަކީ ސިއްޚީގޮތުން ބަލާނަމަވެސް އެހާ ރައްކާތެރިކަމަކަށްނުވާއިރު، ދުފުމުގެ ސަބަބުން އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14589929052049.jpg|މާލޭގެ މަގުމަތި- ގިނަ މަގުތަކުން ރަތްކުޅު ޖަހާފައި ހުނަން މަންޒަރު ވަރަށް ގިނައިން ފެނޭ- ފޮޓޯ: ޕީއެސްއެމް

ރޯގާޖެހިފައިހުރި މީހަކު ކަރުކަހާގޮތްވެ އުނދަގޫވުމުން، އޭނާ ކުޅުޖެހުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކުޅުޖެހުމުގައިވެސް ވަކިތަނެއް ބެލުމެއް ނެތި ކުޅުޖެހުމުގެ ބަދަލުގައި، ސާފުތާހިރުގޮތްތައް އިޙްތިޔާރުކުރުމަށް ސިއްޚީ މާހިރުންވެސް އިރުޝާދު ދެއްވައެވެ.

އެހެންމީހަކު މަގުމައްޗަށް ޖަހާފައިހުރި ކުޅުގަނޑެއްގެ މަތިން ހިނގާފައިދިޔުމަށް ތިމާ ނޭދޭފަދައިން، އަނެކާއަށްވެސް އެފަދަ ތަކުލީފެއް ޖެއްސުމުށް ބައެއް ދިވެހިން އެދެނީ ކީއްވެތޯ އެއީ މިއަދު ކުރެވޭ ސުވާލެކެވެ. ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ ތިމާ ޖަހާ ކުޅުގަނޑުމަތިންވެސް އަނެކާ ހިނގުމަށް ނޭދޭނެކަމެވެ. މިފަދަ އަމަލުތައް ހުއްޓުވުމަށް "އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނު"ގެ ނަމުގައި ޤާނޫނެއް ވަނީ ހައްދަވާފައެވެ. ނަމަވެސް ހިތާމައަކީ މިއަދާއި ހަމައަށްވެސް އެ ޤާނޫނު އެންމެ އެކަށީގެންވާގޮތުގައި ތަންފީޒުނުކުރެވުމުގެ ސަބަބުން، މަގުމައްޗަށް ކުޅުޖެހުމާއި، ކުނި އެޅުން އަދި ބޭއަދަބީކޮށް މީހުންނާއި މުޚާތަބުކުރުން ފަދަ އަމަލުތައް ދިވެހިންގެ ތެރޭ އާއްމުވަމުން ދިޔުމެވެ.

މިފަދަ ކަންކަން ހުއްޓުވާ، އަޅުގަނޑުމެންގެ ދިރިއުޅޭ މުޖުތަމައުއަކީ ސާފުތާހިރު ރީތި ތަނަކަށް ހެދުމަށް ފަރުދީ ޒިންމާނަގައި، އެންމެ އެކުގައި މަސައްކަތް ކުރުން މުހިއްމެވެ.