ޚަބަރު

ޤާޒީ ޢަލީ އާދަމްގެ އިތުރު މައްސަލައެއް، ކުރިން ފޮނުވި މައްސަލަ ނުނިމި ލަސްވުމުގެ ކަންބޮޑުވުން


  • ޢަލި އާދަމް ވަކި ކުރުމަށް ފޮނުވާފައިވަނީ ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި މެސެޖުކުރުމުން

  • ޢަލީ އާދަމްގެ މައްސަލަ ބެލިއިރު މެސެޖުކޮށްފައިވަނީ ނުނިޔަތެއްގައި ކަން ވަނީ އެނގިފަ

  • އިތުރު މައްސަލައެއް ވެސް މިހާރު ދަނީ ބަލަމުން

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް މަގާމުން ވަކިކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނުނިމި އޮއްވައި އެފަދަ އެހެން މައްސަލައެއްގައި ވެސް އޭނާ ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވައިފިއެވެ.

އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ބުނެ ހުށަހެޅި މައްސަލަ ތަޙުޤީޤުކުރުމަށްފަހުއެވެ. އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ އިތުރު ސުލޫކީ މައްސަލައިގައި މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވާފައި ވަނީ އިއްޔެއެވެ.

ޖޭއެސްސީން ވިދާޅުވީ، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް ގުޅައި މެސެޖުކޮށް، ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި، ޢަލީ އާދަމްގެ އިޢުތިރާފުން ސާބިތުވާކަމަށެވެ. އަދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުބައި މަޤްސަދެއް އޮވެގެންކަން ސާބިތުވެފައިވަކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ޢަލީ އާދަމްގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލުތަކެއްކަމަށްވާތީ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލަފާ އެރުވުމަށް މި މަހުގެ 25 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. މީގެ އިތުރުން މެޖިސްޓްރޭޓާ ގުޅޭގޮތުން އިތުރު މައްސަލައެއް ވެސް މިހާރު ބަލަމުންދާ ކަމަށާއި އެ މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތުގައި ކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރިން އަރުވާފައިވާ ލަފަޔާމެދު ގޮތެއް ނުނިމި ލަސްވުމަކީ އެ ކޮމިޝަންގެ ކަންބޮޑުވުން އޮތް ކަމެއްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.