ވިޔަފާރި

"ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައަށް ފުލުހުންގެ އެހީ ބޭނުން"


ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތީ އަގުތަކުގައި ޑޮލަރުގެ ވިއްކާ މައްސަލަ ޙައްލުކުރެވޭނީ ފުލުހުންގެ އެއްބާރުލުން ލިބިގެންކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރ ޑރ.އަޒީމާ އާދަމް ވިދާޅުވެއްޖެއެވެ. ގަވަރުނަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގައި ޑޮލަރު ވިއްކަން ކަނޑައަޅާފައިވާ އަގަށް ވުރެ މަތީ އަގުތަކުގައި ނުވަތަ ބްލެކް މާކެޓްގައި ޑޮލަރު ވިއްކަމުންދާ މައްސަލައަށް އަލިއަޅުއްވާލައްވަމުން އެމްއެމްއޭގެ ގަވަރުނަރ ޑރ.އަޒީމާ އާދަމް ވިދާޅުވީ ބޮޑު އަގުގައި ޑޮލަރު ވިއްކުން ހުއްޓުވުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަން ހުއްޓުވޭނީ ހުރިހާ ފަރާތްތަކަކެއްގެ އެއްބާރުލުން ލިބިގެންކަމަށް ގަވަރުނަރ ވިދާޅުވިއެވެ. މަނިޓަރީ ގަވާއިދުގައި އޮންނަނީ ޑޮލަރު ގަނެ ވިއްކޭނީ މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ފަރާތްތަކަށެވެ. މި ފަރާތްތަކަށް އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ހުއްދައެއް ނޯންނާނެއެވެ. މަނީ އެކްސްޗޭންޖުކުރާ ފަރާތްތަކުން ޑޮލަރު ވިއްކާ އަގުތައް ބަލަހައްޓަމުން ދަނީ އެމްއެމްއޭއިންނެވެ. މިކަން ބެލެހެއްޓުމައްޓަކައި ޑޮލަރު ގަނެ ވިއްކަން ހުއްދަދީފައިވާ ހުރިހާ މަނީ އެކްސްޗޭޖަރުންގެ މައުލޫމާތު ގަވައިދުން ނަގަމުން އަންނަކަމަށް އެމްއެމްއޭގެ ގަވަރުނަރ ވިދާޅުވިއެވެ. މިގޮތަށް ނަގާ މައުލޫމާތަށް ބަލާއިރު ހުރިހާ ފަރާތަކުންވެސް ޑޮލަރު ވިއްކާ އަގެއްގެ ގޮތުގައި ޖަހާފައި ހުންނަނީ ފަނަރަ ރުފިޔާ ސާޅީސް ދެ ލާރިކަން ޑރ އަޒީމާ ފާހަގަކުރެއްވިއެވެ.

އެހެންވުމުން ޑޮލަރު ކަޅުބާޒާރުގައި ވިއްކާ މައްސަލައިގައި ފުލުހުންގެ ވަރަށްބޮޑު އެހީތެރިކަމެއް ބޭނުންވާކަމަށް ގަވަރުނަރ ވިދާޅުވިއެވެ. ގަވަރުނަރ ވިދާޅުވީ ބޮޑު އަގުގައި ޑޮލަރު ވިއްކާ ފަރާތްތައް އަތުލައިގަނެ އެކަން ހުއްޓުވޭނީ ފުލުހުންނަށްކަމަށެވެ.

އަޒީމާ ވިދާޅުވީ މަނީ ޗޭންޖަރު ލައިސަންސް ނެތް ފަރާތްތަކުން ޑޮލަރު ވިއްކާ ނަމަ އެކަމާ މެދު ފިޔަވަޅު އަޅުއްވަމުން ގެންދަވާ ކަމަށެވެ. ބޭންކުތަކަށް އެމްއެމްއޭ އިން ޑޮލަރު ވިއްކަނީ ފަނަރަ ރުފިޔާ ތިރީސް ހަތްލާރީގެ ރޭޓުންނެވެ. ބޭންކުތަކުން ފަނަރަ ރުފިޔާ ސާޅީސް ފަސްލާރީގެ ރޭޓުން ޑޮލަރު ވިއްކަމުން ގެންދަނީ ފަސް ލާރީގެ ފައިދާއެއް ލުމަށް ފަހުއެވެ. 2013 އާ ހިސާބަށް ބޭންކުތަކަށް ޑޮލަރު ވިއްކަމުން ގެންދިޔައީ ހަފުތާއަކު ތިން މިލިއަން ޑޮލަރެވެ. ނަމަވެސް 2013 ވަނަ އަހަރުގެ މެދުތެރޭގައި އިތުރު އެއް މިލިއަން ޑޮލަރު ވަކިން ހާއްސަކޮށް ބޭންކުތަކަށް ވިއްކަން ފަށާފައިވާކަމަށް އެމްއެމްއޭއިން މައުލޫމާތުދެއްވައެވެ.