ޚަބަރު

މަކުނުދޫ ޙާދިސާގައި މަރުވި އިންޑިއާ ދެމީހުންގެ ހަށިގަނޑު އާއިލާއާއި ޙަވާލުކޮށްފި


  • ސިލިންޑަރު ގޮވި ހާދިސާ ހިނގީ މި މަހުގެ 21 ވަނަ ދުވަހު

  • ގޮވިލެއް ބާރުކަމުން ދެމީހުގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިވެފައި

  • މިހާރުވެސް ފުލުހުން ދަނީ އެރަށުގައި ހަރަކާތްތެރިވަމުން

ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް މިހާރު އާއިލާއާއި ޙަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ ދެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު ހަށިގަނޑުތައް އާއިލާއާއި ޙަވާލު ކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މަކުނުދޫގައި އާގަން ގޭސް އަޅާފައި ހުރި ސިލިންޑަރެއް ގޮވިލެއް ބާރުކަމުން، އެ ދެމީހުންގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިވެފައެވެ. އެދެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލިއިރު، މި ޙާދިސާގައި ލިބިފައިވާ އަނިޔާގެ ސަބަބުން އެ ދެ މީހުންގެ ސިފަވެސް ވަނީ ވަކި ނުވާވަރުވެފައެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހާދިސާގައި ނިޔާވި ދެމީހުންނަކީ، އެރަށު ބިންހިއްކުމުގެ އަމަލީ މަސައްކަތުގައި އުޅުނު ދެ މީހުންނެވެ.

ފުލުހުން ވިދާޅުވީ، މި ޙާދިސާއާއި ގުޅިގެން އަދިވެސް އެސަރަހައްދު ބަންދުކޮށްގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ ތަޙްޤީޤުކުރަމުން ދާކަމަށެވެ.