ޚަބަރު

ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް މުހިންމީ އިންވެސްޓްމަންޓް: އައްފާލް


  • ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ސައިންޓިފިކް ސެޝަންތައް މިއަދު ވަނީ ފަށާފައި

  • މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

  • ނިޔުރޯސަރޖަރީގެ ދާއިރާ ރާއްޖޭގައި ދަނީ ކުރިއަރަމުން

  • ޞިއްޙީ ދާއިރާގެ ކުރިއެރުމަށް މި ދާއިރާއަށް އިންވެސްޓް ކުރުން މުހިންމު

ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އެންމެ މުހިންމީ، މި ދާއިރާއަށް ކުރާ އިންވެސްޓްމެންޓް އިތުރުކުރުންކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވެއްޖެއެވެ.

އައްފާލް މިހެން ވިދާޅުވީ އެ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ބާއްވާ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2023"ގެ ސައިންޓިފިކް ސެޝަންތައް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިއަހަރުގެ ކޮންފަރެންސްގެ ސައިންޓިފިކް ސެޝަންތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭ.ޑީ.ކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ، މިއަންނަ އަހަރު، ރާއްޖޭގައި ނިޔުރޯސަރޖަރީ ފެށި ފަހުން 10 އަހަރު ވެގެންދާނެ ކަމަށެވެ.

ކޮންމެ އަހަރަކުވެސް ޞިއްޙީ ދާއިރާގައި އައު ކަންތައްތަކެއް އަބަދުވެސް ދަސްކޮށް، ދުނިޔޭގައި ކުރިއަރަމުންދާކަން ފާހަގަކުރަމުން އައްފާލް ވިދާޅުވީ، ރާއްޖޭގައި ނިޔުރޯސަރޖަރީގެ އިތުރުން، ކާޑިއޯލޮޖީ، އަދި އޯރްތޮޕެޑިކްސް، ފަދަ ހިތާއި ފުއްޕާމޭގެ ސަރޖަރީތަކާގުޅޭ ދާއިރާތައްވެސް ރާއްޖޭގައި ކުރިއަރަމުން އަންނަކަމަށެވެ.

އައްފާލް ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި، އަވަށްޓެރި ޤައުމުތަކަށް ފަރުވާ ހޯދުމަށް ދިވެހިން ބަރޯއްސާވެފައިވާ މިންވަރު ކުޑަ ކުރަންޖެހޭކަމަށެވެ. މިގޮތަށް ކަންތައް ކުރެވޭނީ ޞިއްޙީ ދާއިރާއަށް އިންވެސްޓް ކުރާ މިންވަރު އިތުރުކޮށްގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް މިދިޔަ ބައި ޤަރުނު ތެރޭ ދިވެހިން ބަރޯސާވާން ޖެހިފައިވަނީ އަވަށްޓެރި ޤައުމުތަކުން ދޭ ޞިއްޙީ ހިދުމަތްތަކަށް. މިއީ މިކާމާއިމެދު، އަޅުގަނޑުމެން ވިސްނާލަން މުހިންމު ދަނޑިވަޅެއް. ވިސްނާލުން މުހިންމު ދަނޑިވަޅެކޭ އަޅުގަނޑު މި ދަންނަވަނީ ވެރިކަން ބަދަލުވާ މަރުޙަލާއެއްގައި ރާއްޖެ އޮތުމުން. ވުމާއެކު، އަޅުގަނޑުމެން ބަލަންޖެހޭ ކޮން ދާއިރާތަކަކަށްތޯ ޚަރަދު ކުރާނީ. އެންމެ ފަހުގެ ފަންނިއްޔާތާއި ވަޞީލަތްތައް ބޭނުންކޮށް، ކޮންމެ ރައްޔިތެއްގެވެސް ޞިއްޙީ ހާލު ކަށަވަރުކުރަންޖެހޭ. އޭރުން، ޤައުމަށް ފައިދާހުރި ޚިދުމަތްތަކެއް ކޮންމެ ދިވެއްސަކަށް ވެސް ކޮށްދެވޭނީ." އައްފާލް ވިދާޅުވިއެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2023"ގެ ސައިންޓިފިކް ސެޝަންތައް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލްގެ މުވައްޒަފުންނާއި ޑޮކްޓަރުން ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައެވެ. އެގޮތުން 6 މެއި 2021 ގައި އެ މަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް، ވަރަށް ފުރިހަމަކަމާއެކު، އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ޓީމުން ފަރުވާ ދެއްވިކަމަށެވެ. އަދި އެ ދުވަހަށްފަހު، ރަނގަޅު ޞިއްހަތެއްގައި ދިރިހުރުމުގެ މައިގަނޑު އެއް ސަބަބަކީވެސް އެއީކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"މިއަދު، ދިރިހުރެ ރަނގަޅު ސިއްޙަތެއްގައި ތިބޭފުޅުންގެ ކުރިމަތީ ކޮޅަށް އަޅުގަނޑު މިހުރި ސަބަބަކީ 6 މެއި 2021 ގައި އަޅުގަނޑަށް ދިން ޙަމަލާގައި ލިބުނު ގެއްލުންތަކަށް ފަރުވާ ހޯދުމަށް، މާތްރަސްކަލާނގެ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދިއުމުގެ ތައުފީޤު ދެއްވުމުން. ޑރ. އަލީ ނިޔާފް އިސްވެ ހުންނަވާގެން އޭޑީކޭގެ ހުނަރުވެރި ޞިއްޙީ ޓީމުން، އަޅުގަނޑުގެ ޞިއްޙަތު އެތައް ފަހަރަކު ސަލާމަތް ކޮށްދިން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސަކީ، 2017 ވަނަ އަހަރުން ފެށިގެން ނިޔުރޯސަރޖަރީގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ ގޮތުން، އޭ.ޑީ.ކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ ކޮންފަރެންސެކެވެ. އެގޮތުން މި އަހަރުގެ ކޮންފަރެންސަކީ މިފަދަ 5 ވަނަ ކޮންފަރެންސެވެ. މިފަހަރުގެ ކޮންފަރެންސްގެ ސެޝަންތައް ކުރިއަށްދަނީ އޭ.ޑީ.ކޭ ހޮސްޕިޓަލާއި، ވިލާ ނޮޓިކާ ޕެރެޑައިސް އައިލެންޑުގައެވެ.

މިއަހަރުގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު ޕްރީ ކޮންފަރެންސް ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަން ބާއްވާފައިވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ އޮޮޕަރޭޝަން ތިއޭޓަރ ގައެވެ. އަދި 24 ވަނަ ދުވަހު ލައިވް ސާޖަރީއެއް ކުރާތަން ވަނީ ދައްކާލާފައެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ސައިންޓިފިކް ސެޝަންތައް ކުރިއަށްދަނީ ވިލާ ނޮޓިކާ އައިލެންޑް ޕެރެޑައިސް ރިސޯޓުގައެވެ. ސައިންޓިފިކް ސެޝަންތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސޫރިޔާއަށް ނިސްބަތްވާ ނިއުރޯއޮންކޮލޮޖީގެ ދާއިރާއަށް ޚާއްސަ ޑރ. ލޫކަސް ލޮސް ޕޮސާޓީ ވަނީ ސިކުނޑީގެ ތްރީޑީ މޮޑެލްއެއް (3ޑީ އެނޮޓޮމީ އޮފް ދަ ބްރެއިން) އެއް ދައްކާލާފައެވެ. މި ކޮންފަރެންސް ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.