ޚަބަރު

ބަދަލުތަކާއި އެއްގޮތަށް ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް: ނައިބު ރައީސް


  • ސިނާ އަތަށް ބަޔަކު ތަމްރީން ކުރާނަމަ ބޭނުންވަނީ ފަންނީ ބަޔަކު ތަމްރީން ކުރުން

  • ފަސްބެލުމެއް ނެތި ކުރިއަށްދާ ކޮންމެ މީހަކަށް ކާމިޔާބު ވާނެ،

  • ނައިބު ރައީސް ވަނީ ފަތުރުވެރިކަމުގައި ހޭދަ ކުރި 18 އަހަރު ދުވަހުގެ ތަޖުރިބާ ޙިއްސާ ކުރައްވާފަ

ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ކޯޗިންގ ފެޑެރޭޝަނާއި ވޯލްޑް އޮފް ޓުމޯރޯ ގުޅިގެން، ކުރިއަށް ގެންދާ "ކޯޗިންގ މާސްޓަރ ކްލާސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، ކޮންމެ ދާއިރާއަކަށްވެސް ބޭނުންވާ ފުރިހަމަ ތަމްރީންތައް ހިންގުމުގެ ސަޤާފަތެއް އަށަގެންނެވުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ވިލާ ނޯޓިކަރ ޕެރެޑައިސް އައިލެއްންޑް ރިސޯޓްގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ހަލުވި ދުވެއްޔާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި، އުމުރުގެ ކޮންމެ ހިސާބެއްގައިވެސް އުނގެނުމުގެ ފުރުޞަތު އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

އަދި ފަންނުވެރިކަން ކުރިއެރުވުމަށް، ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ނަމޫނާ ދެއްކުމުގެ މުހިއްމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

"ވަސީލަތްތައް މަދު ރާއްޖެ ފަދަ ކުޑަ ޤައުމަކަށް، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތެރިންގެ ހުނަރުވެރިކަން އިތުރުކުރަންޖެހޭ. އަބަދުވެސް ބަލަންވީ ނޭނގޭކަންކަން އުގެނުމަށް. އެއީ މީހާ ކުރިއަށްދިއުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތް އަދި ވަރަށް މުހިންމު ކަމެއް. އެއީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުންވެސް މިމަގުން ދާނަމަ ކަންކަން ހާސިލްވާނެ، އަދި އިހްތިރާމް ކުރުމާއި އިޙްތިރާމް ލިބިގަތުމަކީވެސް މީހާ ކުރިއަށްދިއުމަށް މުހިންމު ކަމެއް" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމަކީ ސިޔާސީ ހަޔާތްޕުޅު ފެއްޓެވުމުގެ ކުރިން ރިސޯޓް ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެމަނިކުފާނުގެ ތަޖުރިބާ ހިއްސާ ކުރައްވާފައެވެ. އެގޮތުން މިއަދު ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ނަމަވެސް އެމަގާމަށް ދެވުނީ ގިނަ ހަރުފަތްތަކެއް ގިރާކުރެއްވުމަށް ފަހުގައިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި 18 އަހަރު ދުވަހު ހޭދަކުރެއްވިއިރު އެދުވަސްތަކުން އެންމެ ބޮޑަށް ދަސްވީ މީހުންނަށް އިޙްތިރާމް ކުރުމާއި އިޙްތިމާ ލިބިގަތުމާއި ނޭނގޭ ކަންކަން ދަސްކުރެއްވުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ނޫނަސް ކޮންމެ ކަމަކުންވެސް ކުރިއަށްދާން ބޭނުންވާ މީހަކު އަޒުމް ކަނޑައަޅަންވީ އަބަދުވެސް އާ އަޒުމަކާ އެކު ކުރިއަށްދިއުމަށް ކަމަށެވެ. ފަސްބެލުމެއް ނެތި ކުރިއަށްދާ ކޮންމެ މީހަކަށް ކާމިޔާބު ވާނެކަން އެމަނިކުފާނުގެ ތަޖުރިބާ ޙިއްސާ ކުރައްވަމުން ފާހަގަކުރެއްވިއެވެ.

"ކޯޗިންގ މާސްޓަރ ކްލާސް"ގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ، އައި.ސީ.އެފްގެ ވައިސް ޕްރެޒިޑެންޓް ރޮބަރޓް ގާސިއާ އެވެ. މި ސެޝަން މައުޟޫއަކީ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޯގަނައިޒޭޝަންސް" އެވެ.