ޢައްޒާގެ ހޮސްޕިޓަލްތަކުން ތެޔޮ ހުސްވަމުންދާ ކަމަށާއި، ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ ނަމަ، ހޮސްޕިޓަލުތަކުގައި އިންކިޔުބޭޓަރުގައި ބާއްވާފައިވާ 120 އަށްވުރެ ގިނަ ތުއްތުކުދިން މަރުވުމުގެ ބިރު އެބައޮތް ކަމުގައި އ.ދއިން ބުނެފިއެވެ. އ.ދއިން ބުނީ، ޣައްޒާގައި އަލަށް އުފަންވެފައިވާ 120 އަށްވުރެ ގިނަ ތުއްތުކުއްޖަކަށް މި ވަގުތު އިންކިޔުބޭޓަރުގައި ފަރުވާދެމުންދާ ކަމުގައެވެ.
ޔަހޫދީން ފުރަބަންދު ކޮށްފައި އޮތް ޣައްޒާއަށް ތެޔޮ އެތެރެކުރުން ޔަހޫދީ ފައުޖުތަކުން މަނާ ކޮށްފައި ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި ލާއިންސާނީ އުދުވާންތަކާ އެކުގައެވެ. ތެލުގެ އިތުރުން ޔަހޫދީން ވަނީ ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުން ހުއްޓުވައި، ސާފު ބޯފެން ވެސް ކަނޑައިލާފައެވެ. ޔަހޫދީންގެ ލާއިންސާނީ މި ފަދަ އަމަލުތަކާ އެކު ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް ވުރެ މައްޗަށް ގޮސްފައިވާ ކަމުގައި އ.ދއިން ބުނެއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 4,651 އަށް އަރާފައެވެ. ޝަހީދުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި، އިތުރު 14,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ޒަޔަނިސްޓު އިސްރާޢީލުގެ ފައުޖުތަކުން ދަނީ ބޮންއަޅައި ފަލަސްޠީނުގެ ޢާންމުންގެ ގެދޮރާއި، ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި މިސްކިތްތައް ވެސް ސުންނާފަތި ކުރަމުންނެވެ.
އ.ދގެ ކުޑަކުދިންނާ ބެހޭ ފަންޑު – ޔުނިސެފްގެ ތަރުޖަމާނު ޖޮނެތަން ކްރިކްސް ވިދާޅުވީ ޣައްޒާގައި އިންކިޔުބޭޓަރުގައި ފަރުވާ ދެމުންދާ ތުއްތުކުދިންގެ ޢަދަދު 120 އަށް އަރާއިރު، މެކޭނިކަލް ވެންޓިލޭޓަރު ބޭނުން ކޮށްގެން ފަރުވާ ދެމުންދާ ތުއްތުކުދިންގެ ޢަދަދު 70 އަށް އަރާ ކަމުގައެވެ. އަދި، ޔަހޫދީންގެ އަމަލުތަކާ ގުޅިގެން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެ ނަމަ، އެ ކުދިންގެ ފުރާނައަށް ނުރައްކާވާނެ ކަމުގައެވެ.
އ.ދގެ އާބާދީއާ ބެހޭ ފަންޑުން ބުނީ ޣައްޒާގައި ދުވާލެއްގެ މައްޗަށް 160 ވަރަކަށް ކުދިން އުފަންވާ ކަމުގައެވެ. އަދި، ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަން މީހުންގެ ތެރޭގައި 50,000 އަށްވުރެ ގިނަ މާބަނޑު މީހުން ތިބި ކަމުގައެވެ. ޔަހޫދީން މެދުކެނޑުމެއް ނެތި ދެމުންދާ ރަޙުމު ކުޑަ ހަމަލަތަކާ ގުޅިގެން މާބަނޑު މީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ދިނުމަށް ވަނީ ހުރަސް އެޅިފައެވެ.
ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ޔަހޫދީ ފައުޖުތަކުން ދަނީ އެ ކަމަށް ހުރަސް އަޅަމުންނެވެ. އެހީގެ ސާމާނު ހިފައިގެން ޣައްޒާއަށް އެތެރެވާން ތައްޔާރަށް ރަފަޙް ހުރަސް ކައިރީގައި 200 އަށްވުރެ ގިނަ ލޮރީ އޮތްއިރު، ޣައްޒާއަށް މިހާތަނަށް ވައްދާފައި ވަނީ އެންމެ 20 ލޮރީއެވެ. މި ފަދަ ލާއިންސާނީ އަމަލުތަކާ އެކު ޣައްޒާގައި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ބޭހުގެ ސާމާނު ވެސް މިހާރު ދަނީ ހުސްވަމުންނެވެ.
ޢައްޒާގެ ހޮސްޕިޓަލްތައް ހުސްކުރަން ވެސް ޔަހޫދީ އިސްރާޢީލުން ދަނީ އަންގަމުންނެވެ. ޣައްޒާގެ އަލް-ޤުދުސް ހޮސްޕިޓަލް ހުސްކުރަން ޔަހޫދީ އިސްރާޢީލުން އަންގާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެ ހޮސްޕިޓަލް ހުސް ކުރަން އިސްރާޢީލުން އަމުރު ކޮށްފައިވާ ކަން ހާމަކޮށްފައި ވަނީ ރެޑް ކްރެސެންޓުންނެވެ. އެ ހޮސްޕިޓަލުގައި މިހާރު ވެސް 400 އަށްވުރެ ގިނަ ބަލި މީހުން އެބަތިއްބެވެ. އަދި، ގެދޮރު ނެތިކޮށްލާފައިވާ 12,000 އަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުގައި ހިޔާވަހިކަން ހޯދަމުންދާ ކަމުގައި ރެޑް ކްރެސެންޓުން ބުނެއެވެ.
އެ ހޮސްޕިޓަލް ހުސް ކުރަން ޔަހޫދީ އިސްރާޢީލުން އަމުރު ކުރުމުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ – ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
"ހޮސްޕިޓަލް ހުސް ކުރަން ކޮށްފައިވާ އަމުރާ މެދު ކަންބޮޑުވޭ. އެ ފަދަ ތަނެއް ހުސް ކުރުމަކީ ފަސޭހަ ކަމެއް ނުވާނެ ކަން ޑަބްލިޔު.އެޗް.އޯއިން މި ދަނީ ތަކުރާރުކޮށް ބުނަމުން. ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް މެދުކެނޑުމެއް އަޔަދީގެން ނުވާނެ. އެ ތަންތަނަށް ރާއްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެ،" ގެބްރިއޭސޮސް ވިދާޅުވިއެވެ.
ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.