ޚަބަރު

ހުޅުމާލޭ ފަޅުން ހިއްކާ ސަރަޙައްދުގައި އަޅާފައިހުރި އުޅަނދުތައް މާދަމާގެ ނިޔަލަށް ނަގަން އަންގައިފި


  • މިހާރުވަނީ "ސައިޓް އޭ"ގެ މަސައްކަތް ނިމިފައި

  • "ސައިޓް ބީ"ގެ މަސައްކަތް ކުރުމަށް އެސަރަޙައްދުގައި އަޅާފައި ހުރި އުޅަނދުތައް ނަގަންޖެހޭ

  • އެޗްޑީސީން ދީފައިވާ ސުންގަނޑިއަކީ މާދަމާގެ ނިޔަލަށް

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ހިއްކާ "ސައިޓް ބީ"ގައި ހިމެނޭ ސަރަޙައްދު ހިއްކަން ފެށުމަށްޓަކައި އެސަރަޙައްދުގެ ފަޅުތެރޭގައިއަޅާފައިވާ އުޅަނދުތައް އެސަރަޙައްދުން ނެގުމަށް ހައުސިންޑ ޑިވެލްޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީން އަންގައިފިއެވެ.

ހުޅުމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާރުވަނީ "ސައިޓް އޭ"ގެ މަސައްކަތް ނިންމާލާފައެވެ. އަދި "ސައިބް ބީ"ގެ ދަށުން މިހާރު ހިއްކާފައިވާ ސަރަޙައްދުން ފެށިގެން ހުޅުމާލޭގެ އެއްގަމާއި ހަމައަށް ހިއްކުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި ސަރަޙައްދުން ނަގާ އުޅަނދުތައް އެ ސަރަޙައްދުގެ ބޭރުގައި އެޅުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށެވެ. އެޗްޑީސީން ބުނީ މި ސަރަޙައްދުގައި ހުރި އުޅަނދުތައް އާދިއްތަ ދުވަހުގެ ނިޔަލަށް ނަގަންޖެހޭނެކަމަށެވެ. އަދި މިކަމާއި ގުޅިގެން އެއްވެސް ފަރާތުން މަޢުލޫމާތު ސާފުކުރުމަށް އެދޭނަމަ އެޗް.ޑީ.ސީގެ ހޮޓްލައިން 1516 އަށް ގުޅުމަށްވަނީ އެދިފައެވެ.

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުންދަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން "ސައިޓް އޭ" ހިއްކާ ނިމިފައިވާއިރު މިހާރުވަނީ "ސައިޓް ބީ"ގެ މަސައްކަތް ފަށާފައެވެ. "ސައިޓް ބީ"ގެ ދަށުން 26 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ޖުމްލަ 63 ހެކްޓަރުގެ ބިން މިމަޝްރޫޢުގެ ދަށުން ހިއްކުމަށްވަނީ ނިންމާފައެވެ.

ހުޅުމާލެއިން އަލަށް ހިއްކާ މި ބިމުގައިގައި ގެދޮރުވެރިކަމަށާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެ ކަމަށް އެޗްޑީސީންވަނީ ބުނެފައެވެ. އަލަށް ހިއްކަމުންދާ ސަރަޙައްދުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯތި ދިނުމަށްވަނީ ނިންމާފައެވެ. އެގޮތުން ސަރުކާރުން މިހާރު ދޭން ފަށާފައިވާ 9000 ގޯތީގެ ތެރެއިން 1351 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީލަންކާގެ ކުންފުންޏެއްކަމުގައިވާ، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީއާއި ޙަވާލުކޮށްގެންނެވެ.