ޚަބަރު

އިސްރާއީލް ޕާސްޕޯޓް މައްސަލަގައި ގޮތް ނިންމަވާނީ ރައްޔިތުންގެ ބައިވެރިވުމާއެކު: ފިރުޒުލް


  • އިޒްރޭލް ޔަޙޫދީން ރާއްޖެއެތެރެވުން މަނާ ކުރުމަށް ދިވެހި އެތައް ރައްޔިތުންނެއް ވަނީ ގޮވާލާފައި

  • އިސްރާއީލު ފަތުރުވެރިން ރާއްޖެނައުމަށް އެޤައުމުން ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި

  • އިސްރާއީލު ސިފައިން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް ދިވެހިން ކުށްވެރިކުރޭ

އިޒްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާ ގުޅުވައިގެން އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމާމެދު ގޮތް ނިންމާނީ ރައްޔިތުން ބޭނުންވާގޮތައްކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ޢަބްދުﷲ ހަލީލް މިހެން ވިދާޅުވީ، އިންތިޤާލީ މަސައްކަތްތައް ކުރިއަށްދާގޮތް އާންމު ކުރުމަށް ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އިސްރާއީލުގެ ފަތުރުވެރިން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް އިންތިޚާބީ ރައީސްގެ ގެންގުޅުއްވާނެ އުޞޫލުތަކާއި ގުޅޭގޮތުން އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އެކަމަކީ ދިވެހިން ކަންބޮޑުވާ މައްސަލައެއްކަމަށާއި، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ މިހެން ހުންނަ ބޮޑެތި މައްސަލަތަކުގައި ދިވެހިން ގޮތް ނިންމެވުންކަމަށެވެ. އަދި ދިވެހިންގެ މަސްލަހަތު ހިމާޔަތްވާނެހެން ދިވެހިންގެ އިސްލާމީ ޝަޙްސިއްޔަތު ނެގެހެއްޓުމަށް މަގުފަހިވާނެ ގޮތައްކަން ފިރުޒަލް ފާހަގަކުރެއްވިއެވެ.

"އިސްރާއީލު މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމާ އެމީހުން އެތެރެވުން މަނާކުރުމަށް އިންތިޚާބީ ރައީސް ނިންމުންތައް ނިންމަވަމުން ގެންދަވާނީ ޚާރިޖީ ދާއިރާއާއި އަދި އެހެން ދާއިރާއަކުންކަމަށްވިޔަސް މިދަންނަވާ އުޞޫލުން، ދިވެހިންގެ މަސްލަހަތު އެންމެ މަތީ ގޮތެއްގައި ހިމާޔަތް ކުރެވޭނެ މަގަށް އަދި ހަމައެހެންމެ ދިވެހިންގެ ދީނާ ދިވެހިވަންތަކަން ނުގެއްލޭނެހެން ދިވެހިން އެންމެ ބޭނުންވާ ގޮތައް" އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާން ފިރުޒަލް އަބްދުﷲ ހަލީލް ވިދާޅުވިއެވެ.

އިސްރާއީލުގެ ޔަޙުދީން ފަލަސްތީނުގެ ލޮބުވެތި މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ޖައްބާރު އަނިޔާތަކުގެ ސަބަބުން އެކަން ކުށްވެރިކުރުމުގެ ގޮތުން ދިވެހިން ފާޅު ކުރަމުންދާ އެއްކަމަކީ އިސްރާއީލު މީހުން ރާއްޖެއެތެރެވުން ހުއްޓުމެވެ.