ޚަބަރު

ވެމްކޯއިން ކުޅުދުއްފުށީ ގޭބީސީތަކުން ކުނިނަގަން ފަށަނީ


  • މިހާރު ކުނި އުކަނީ ކުނި ގޮނޑަށް ގެންދާ އުސޫލުން

  • އޭގެ ސަބަބުން ކުނި ކޮށި މެނޭޖްނުކުރެވޭ

  • ވެމްކޮއިން އަންނަނީ ގޭބީސީން ކުނި ނަގަން ތައްޔާރުވަމުން

  • އެކަމަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވަނީ ފަށާފައި

ކުޅުދުއްފުށީގެ ގޭބިސީތަކުން ކުނިނަގަން ފެށުމަށް ވެމްކޯއިން ތައްޔާރުވާން ފަށައިފިއެވެ. އެކަމށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެމްކޯއިން އަންނަނީ ކުރަމުންނެވެ.

ބޮޑު އާބާދީއެއް ދިރިއުޅޭ ކުޅުދުއްފުށީގައި ކުނި މެނޭޖް ނުކުރެވުމުގެ މައްސަލައަކީ މުޅި ސިޓީއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކު އެތަށް ބަޔަކު ރަށަށް އަރާއިރު، އެރަށުގައި އުފެދޭ ކުނީގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މިކަމަށް ޙައްލެއް ހޯދުމަކީ އެސިޓީގެ ހުރިހާ ރައްޔިތުންގެވެސް އެދުމެކެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ސިޓީ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވީ، މިމައްސަލައަށް ޙައްލެއްގެނައުމަށް މިހާރު ވެމްކޯއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާކަމަށެވެ. އަދި މިއެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީގައި ހުރި ކުނި ފުނި ހުސްކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އާތިފް ވިދާޅުވިއެވެ. އަދި ގޭބީސީތަކުންވެސް ވެމްކޯ މެދުވެރިކޮށްކުނި ނެގުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް އާޠިފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރުގައި އެދިފައިވާނީ ރާއްޖޭގެ ބޮޑެތި އެހެން ސިޓީތަކުގައި ކުނި ނަގާ އުސޫލުން ސަރުކާރުގެ އެސްއޯއީއެއްކަމުގައިވާ ވެމްކޯ މެދުވެރިކޮށް މިސިޓީގެ ކުނިވެސް މެނޭޖްކޮށްދެއްވުމަށް. އާބާދީ ބޮޑުވުމާއެކު އަޅުގަނޑުމެންނަށް ނެތް ބޭނުންވާ ވަޞީލަތްތަކެއް މިހާ ބޮޑު ސްކޭލްއެއްގައި ޚިދުމަތް ދެވޭނެ ވެމްކޯއާއި ޙަވާލުނުކޮށެއް." އާތިފް ވިދާޅުވިއެވެ.

މިމަސައްކަތާއި ގުޅޭގޮތުން ވެމްކޯއިން ބުނީ، އެއްބަސްވުމުގައި ވާގޮތުގެމަތިން ކުޅުދުއްފުށީގައި މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާކަމަށެވެ.

އެގޮތުން 6 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ގޭބިސީތަކުން ވެމްކޯއިން ކުނިނެގުމުގެ މަސައްކަތް ފަށާނެކަމަށް އެކުންފުނިން ބުންޏެވެ. އެކަމަށް ބޭނުންވާ ވެހިކަލްތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވެމްކޯއިން ބުނެއެވެ. އަދި ކުޅުދުއްފުށީގެ މަސައްކަތްކުރުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށްވެސް ވެމްކޯއިން ބުންޏެވެ. ވެމްކޯއިން ބުނީ މިހާރު ކުރަމުންދަނީ ދުވާލު އެކި ފަރާތްތަކުން ކުނި ކޮއްޓަށް ގެންނަމުންދާ ކުނި ދުވަހުން ދުވަހަށް މެނޭޖްކުރުމުގެ މަސައްކަތްތައްކަމަށެވެ.

ކުޅުދުއްފުށީ ކުނީގެ މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން 2021 ވަނަ އަހަރުވަނީ 92000 ޓަނުގެ ކުނި ރަށުން ބޭރުކޮށްފައެވެ. އެފަހަރު އެތައް އަހަރެއްވީ ބޮޑު ކުނި ފުންޏެއް ރަށުން ބޭރުކުރިނަމަވެސް، މިވީ މުއްދަތުގެ ތެރޭގައި ކުޅުދުއްފުށީ ކުނިފުނިވަނީ އަނެއްކާވެސް ބޮޑުވެފައެވެ.