ޚަބަރު

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރަން ބަޖެޓުގައި ހިމަނައިފިން: ޑރ. މުޢިއްޒު


  • ހިޔާގެ 16 ޓަވަރުހުރޭ

  • ކޮންމެ ޓަވަރެއްގައި މިހާރު ހުންނަނީ 3 ނުވަތަ 4 ލިފްޓް

  • އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ލިފްޓް ހަރުކުރަން ހިމަނާފައި

  • އަލަށް 2 ލިފްޓް އިތުރުކުރޭ

  • އެއީ ސްޓްރެޗަރ އުފުލުމަށާއި، 14 މީހުންގެ ޖާގައިގެ ލިފްޓެއް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ހިމަނާފައިވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ހިމެނޭ ސަރަޙައްދަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިޔާ ސަރަހައްދަށް ވަޑައިގެންނެވި ވަގުތަކީ ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެކެވެ. ރައްޔިތުންނާއި މުޚާޠަބުކުރައްވާ ދެއްކެވި، ކުރު ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް މި ސަރުކާރުން އެކުލަވާލާ ބަޖެޓުގައި، އައު ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވާކަމަށެވެ.

އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި އެއްކަމަކަށް ހިމަނުއްވާފައިވާނީ، ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށްކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހަރުކުރާއިރު، އޭގެތެރޭގައި ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެއް ހިމެނޭނެ ކަމަށެވެ.

"ޔަޤީންކަން އަޅުގަނޑު މިދެނީ ވަޢުދާ އެއްގޮތަށް އެކަން ތަންފީޒްކޮށްދޭނަމޭ." އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި 3 ނުވަތަ 4 ލިފްޓުހުރެއެވެ. އެހެންނަމަވެސް މި ޓަވަރުތަކުގައި ލިފްޓްތައް މަދުވުމުގެ ޝަކުވާއަކީ ފްލެޓްތަކުގައި ދިރިއުޅޭ އާއްމުންގެ ބޮޑު ޝަކުވާއެކެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށްދިނުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައިވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ހިޔާ ފްލެޓުތަށް ސަރަޙައްދަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސްގެ އަރިހުގައި، އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގަތެވެ.

މި ހަރަކާތުގެ ތެރެއިން ހިޔާ ސަރަޙައްދުގައި ދިރިއުޅޭ އާއްމުންނަށް އިންތިޚާބީ ރައީސާއި، އިންތިޚާބީ ނައިބު ރައީސާއި ސަލާމްކުރައްވާ، އަރިހުގައި ފޮޓޯ ނެގުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓްތަކަށް މީހުން ވަނުމަށް ކުރި ޚަރަދު އަނބުރާ ދެއްވާނެކަމަށްވެސް ވަޢުދުވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ހިޔާ ފްލެޓްތައް ނިންމުމަށް ކުރީ ސަރުކާރުން ލޯނު ހަމަޖައްސަވާފައި އޮތްނަމަވެސް އެކަން ނުކޮށް ރައްޔިތުންނާ ހަވާލުކުރުމުން، އެތައް ގޮންޖެހުމަކާ އެރައްޔިތުންނަށް ކުރިމަތިލާންޖެހުނުކަމަށެވެ.