ޚަބަރު

ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް އިއާދަކުރެވޭތޯ މަސައްކަތް ކުރުމަކީ މުސްލިމުންނަށް އޮތް ވާޖިބެއް


  • ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައި

  • ނިކަމެތިވެފައިވާ މުސްލިމުންނަށްޓަކައި ދުއާކުރުމަށް ވަނީ ނަސޭހަތްތެރިވެފަ

  • އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ޙައްގެއްކަމަށް ވިދާޅުވި

އަލްމަސްޖިދުލް އަޤްޞާ މިނިވަންކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަ ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރުމަކީ މުސްލިމު ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއްކަމަށް ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ މަސްޖިދުލް އަޤްޞާގެ މާތްކަންކަމުގެ މައްޗަށެވެ. ހުކުރު ޚުތުބާގައިވަނީ މަސްޖިދުލް އަޤްޞާއަކީ ކޮބައިކަމާއި، އެތަނުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ހުކުރު ޚުތުބާގައި ވަނީ މި ބިންމަތީގައިވާ އެންމެ މާތް ބިނާތަކާއި މިސްކިތްތަކުގެ ތެރޭގައި އަލްމަސްޖިދުލް ހަރަމްއާއި އަލްމަދީނަތުލް މުނައްވަރާގައިވާ އަލްމަސްޖިދުއް ނަބަވީއާއި ފަލަސްތީންގެ އަލްޤުދްސްގައިވާ އަލްމަސްޖިދުލް އަޤްޞާކަން ފާހަގަކުރައްވާފައެވެ. އަދި އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުގެ ފުރަތަމަ ޤިބުލަކަން ހުކުރު ޚުތުބާގައި ފާހަގަކުރެއްވިއެވެ.

"އަދި ތިމަން ރަސްކަލާނގެ އެކަލޭގެފާނާއި ލޫތްގެ ފާނު ސަލާމަތް ކުރައްވާ، ޢާލަމް ތަކަށްޓަކައި ތިމަން ރަސްކަނލާގެ ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ." އަދިވެސް ވަހީކުރައްވާފައިވެއެވެ. އަދި ތިމަން ރަސްކަނލާގެ ސުލައިމާނުގެ ފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި ޚިދުމަތްތެރި ކުރެއްވީމެވެ. ތިމަން ރަސްކަލަނާގެ އެ ބިމުގައި ބަރަކާތް ލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާ ގޮތުގައެވެ. އަދި ތިމަން ރަސްކަލާނގެ ކޮންމެ ކަމެއް ދެނިވޮޑިގެންވަމެވެ." ކީރިތި ގުރުއާނުގައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާއިގައިވެއެވެ.

އަލްޤުދުސަކީ ސަލާމްލެއްވި އިބްރާހިމްގެފާނާއި އެކަލޭގެފަނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިއްޔުންގެ ފަސްގަނޑުކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ސަލާމްލެއްވި ދާއޫދުގެފާނުގެ ވެރިކަމުގައި އެކަލޭގެފާނު ވެރިކަން ކުރެއްވި ރަށްކަން ޚުތުބާގައި ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން ސަލާމްލެއްވި ސުލައިމާން އަލައިހިސަލާމުގެ ބޮޑުވެރިކަން ހިންގެވި މާތް ބިންކަމަށާއި، އެއީ އިންސަނިއްޔާތުގެ ތާރީޚު ދުށް، އެންމެ ވަރުގަދަ އެންމެ ބާރުވެރި ވެރިކަންކަންވެސް ޚިތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ، އެފަދަ ދެވަނަ ވެރިކަމެއް ދެން ދުނިޔެއިން ނުދެކޭނެކަމަށާއި، އެ ބިމަކީ ޔަހޫދިންގެ ނުވަތަ ޒަޔަނިސްޓުންގެ ތަނެއްގެ ގޮތުގައި ތާރީޚީ ގޮތުންވެސް އަދި ދީނީ ގޮތުންވެސް ކަނޑައެޅޭކަތް ނެތްކަމަށެވެ. އަދި އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ޙައްގެއްކަމަށްވެސް ވިދާޅުވިއެވެ.

"ޔަހޫދީ އެއްކަމުގައިވެސް އަދި ނަޞާރާއެއް ކަމުގައިވެސް އިބްރާޙިމްގެފާނު ނުވެއެވެ. އަދި ކިއެއްތަ! އެކަލޭގެފާނު ވަނީ ބާޠިލް މަގުން އެއްކިބާވެ، ޙައްޤުދީނަށް ތަބާވެގެންވާ މުސްލިމްއަކު ކަމުގައެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއަކުންވެސް އެކަލޭގެފާނު ނުވެއެވެ. ހަމަކަށަވަރުން މީސްތަކުންކުރެ، އިބްރާހިމްގެ ފާނަށް (ނިސްބަތްވުމުގައި) އެންމެ އައުލާކަން ބޮޑީ، އެކަލޭގެފާނަށް ތަބަޢަ ވީ މީހުންނާއި މި ނަބިއްޔާއާއި،(އެބަހީ: މުޙައްމަދުގެ ފާނާއި) އީމާންވި މީހުންނެވެ. ﷲ އީ، އީމާންވި މީހުންނަށް އެހީތެރިވެ ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ."ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

ޚުތުބާގައި ވިދާޅުވީ، އަލްމަސްޖިދުލް އަޤްޞާއާއި އެ މިސްކިތް ހިމެނޭ ބިން އަލްޤުދުސް ވަނީ ޒަޔަނިސްޓު ޔަހޫދީންގެ އިސްތިއުމާރުގެ ދާށުގައިކަމަށާއި އެތަނުގެ ޙުރުމަތް ކަނޑައި އެތަން ތަޅާލުމަށްޓަކައި އަނިޔާވެރި އެތައް އަމަލުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވާފައވެ. އަދި އެ ޢަމަުލުތަކަކީ ފަލަސްޠީންގެ މުސްލިމް ނަސްލު އެކީއެކަށް ނައްތާލުމުގެ އަނިޔާވެރި ހަރަކާތް ތަކެއްކަމަށާއި އެކަން ހަރުކަށީ އިމާބާރުތުން ހުކުރު ޚިތުބާގައި ވަނީ ކުށްވެރިކުރައްވާފައެވެ.

އަޤްޞާއަކީ މުސްލިމުގެ އާޤިދާއާއި ގުޅިފައިވާ މުޤައްދަސް މިސްކިތައްވީހިނދު އަޤްޞާ މިނިވަންކޮށް ފަލަސްޠީންގެ ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަކުރެވޭތޯ ގަދައަޅަ މަސައްކަތް ކުރުމަކީ މުސްލިމު ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއްކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި އުންމީދު ކަނޑާ ނުލުމަށާއި އަލް މަސްޖިދުލް އަޤްސާއަށާއި ނިކަމެތިވެފައިވާ މުސްލިމުންނަށްޓަކާ އިޚުލާސްތެރިކަމާއި މަޑުމައިތިރިކަމާއެކު ދުޢާކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.