ޚަބަރު

ސިލިންޑަރު ގޮވި ޙާދިސާގައި ސީރިއަސް އަނިޔާ ލިބުނު މީހާ މާލެ ގެންނަނީ


  • މިޙާދިސާގައި 4 މީހަކަށްވަނީ އަނިޔާވެފައި

  • ސީރިއަސް އަނިޔާ ލިބިފައިވަނީ 1 އަކަށް

  • އޭނާ މިހާރު މާލެއަށް ފުރުވާލާއިފި

ކުޅުދުއްފުށީ އެއަރޕޯޓްގައި، ހިނގި ސިލިންޑަރު ގޮވުމުގެ ޙާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މާލެއަށް ފުރުވާލައިފިއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ސީ.އީ.އޯ އަޙްމަދު ދާވޫދު ވިދާޅުވީ، މިޙާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެއަރޕޯޓުގެ މުވައްޒަފު މިހާރު އިތުރު ފަރުވާއަށް މާލެ ފުރުވާލާފައިވާކަމަށެވެ.

މި ހާދިސާގައި 4 މީހަކަށްވަނީ އަނިޔާވެފައެވެ. އެގޮތުން ޢުމުރުން 25 އަހަރުގެ އަންހެނަކާއި 28 އަދި 29 އަހަރުގެ ދެފިރިހެނަކަށްވެސް އެކިވަރުގެ އަނިޔާވަނީ ވެފައެވެ.

މީގެތެރެއިން ސީރިއަސް އަނިޔާ ލިބިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެނާގެ އަތަށް ބޮޑެތި ޒަޙަމްތަކެއް ލިބިފައިވާކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުންވަނީ މަޢުލޫމާތު ދެއްވާފައެވެ. މިޙާދިސާގައި އަނިޔާވެފައިވަނީ މުޅިންވެސް އެއަރޕޯޓުގެ މުވައްޒަފުންނަށެވެ.

މިޙާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، ސިލިންޑަރު ރީފިލްކުރުމުގެ ތެރޭގައި އެ ގޮވާފައިވަނީ 11:45 ހާއިރުކަމަށެވެ.