އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުން ދެކުނު އެފްރިކާ އަތުން ނެދަލަންޑްސް މޮޅުވެއްޖެއެވެ.
ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ނެދަލަންޑްސް މޮޅުވީ 38 ލަނޑުންނެވެ. މިއީ މި މުބާރާތުގެ އެއް ފޭވަރިޓް ކަމަށްވާ ދެކުނު އެފްރިކާ އަތުން އަހަރެއްގެ ތެރޭގައި ނެދަލަންޑްސް މޮޅުވި ދެވަނަ ފަހަރެވެ.
އިއްޔެ ކުޅުނު މެޗުގެ ގުރު ދިމާވުމުން ދެކުނު އެފްރިކާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ނެދަލަންޑްސް އެންމެ ފުރަތަމަ ކުޅެން އެރިއިރު، ވިއްސާރަވުމުގެ ސަބަބުން 43 އޯވަރަށް ކުރުކޮށްގެން ކުޅުނު މެޗުގައި އަށް ކުޅުންތެރިން ނުބައިވެގެން އެ ޓީމުން ވަނީ 245 ލަނޑު ހަދާފައެވެ. ނެދަލަންޑްސްއިން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 69 ބޯޅައިން 78 ލަނޑު ހެދި ޓީމުގެ ކެޕްޓަން ސްކޮޓް އެޑްވާޑްސްއެވެ.
ޖަވާބުގައި ދެކުނު އެފްރިކާ ކުޅެން އަރައި 42.5 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 207 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 52 ބޯޅައިން 43 ލަނޑު ހެދި ޑޭވިޑް މިލާ އާއި 37 ބޯޅައިން 40 ލަނޑު އެއްކުރި ކޭޝަވް މަހަރާޖެވެ.
މި އިނިންގްސްގައި ނެދަލަންޑްސްގެ ލޯގަން ވެން ބީކް ވަނީ ނުވަ އޯވަރުގައި 60 ލަނޑަށް ތިން ވިކެޓް ނަގާފައެވެ. އަދި އެ ޓީމުގެ ޕޯލް ވެން މީކެރަން އާއި ރޮއެލޮފް ވެން ޑަ މާވަ އަދި ބަސް ޑެލީޑް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގާފައެވެ.
މިއީ 10 ޤައުމު ވާދަކުރާ މި މުބާރާތުގައި ނެދަލަންޑްސްއިން ހޯދި ފުރަތަމަ މޮޅެވެ. އެއާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކުއެވެ. އަދި ދެކުނު އެފްރިކާ އޮތީ ތާވަލިގެ ތިންވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.