ޚަބަރު

އިސްލާމްދީނާއި ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭނެ ވެރިކަމުގެ ދައުރަކަށް ހަދާނަން: ޑރ.މުޢިއްޒު


  • ރާއްޖެއަށް ލިބިފައިވާ ގިނަ ނިޢުމަތްތަކުގެ ހަގީގީ ސިއްރަކީ އިސްލާމްދީން

  • ދީނުގެ މަތިވެރި ޝިޢާރުތަކާއި އާދަކާދަތައް ދަމަހައްޓައިދެއްވާނެކަމަށް މުޢިއްޒު ވިދާޅުވި

ވެރިކަމުގެ ކުރިއަށް އޮތް ދައުރަކީ، ރާއްޖޭގައި އިސްލާމްދީނާއި ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭނެ ވެރިކަމަށްވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ބަޔާނުގައިވަނީ ރާއްޖެ އިސްލާމްވިތާ 897 އަހަރު ފުރޭ މުނާސަބާގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވާފައެވެ. އަދި މިބަޔާނުގައި ވަނީ ދިވެހި އުންމަތް އަބަދުވެސް އިސްލާމްދީނުގެ ހިދާޔަތުގައި ލެއްވުން އެދި ކީރިތިﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށް ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އިސްލާމްދީނުގެ މަތީގާއި ދިވެހިން ދެމިތިބޭތާ 9 ޤަރުނު ފުރެން ގާތްވެފައިވާއިރު، ރާއްޖެއަށް ލިބިގެންދިޔަ އެންމެ ބޮޑު ތާރީޚީ ހެޔޮ ބަދަލެއް ގެނުވި ޙާދިސާއަކީ ރާއްޖެ އިސްލާމްވުންކަންވަނީ ފާހަގަކުރައްވާފައެވެ. އަދި މިވީ މުއްދަތުގެ ތެރޭގައި ދިވެހިންނަށް ކަށަވަރުވެފައިވާ މިނިވަންކަމާއި، ރިވެތި އާދަކާދަތަކާއި، އެއްބައިވަންތަކަމުގެ ޙަގީގަތްވެސް ގުޅިފައިވަނީ އިސްލާމްދީނުގެ ހިޔާދަތުގެ އަލިކަމާއިކަން ވަނީ ފާހަގަކުރައްވާފައެވެ.

ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ސާބިތުކަންމަތީގައި ދެމިތިބުމުގެ ނަމޫނާ ދުނިޔެއަށް ދައްކައިދީފައިވާކަން ޑރ. މުޢިއްޒުގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިކުރީގޮތުންނާއި، އިޤްތިޞާދީގޮތުން އަދި އިސްތިރާޖީގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް ދިވެހިންނަށް ކުރިމަތިވަމުންދާކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، މިހުރިހާ ކަމަކާއިވެސް ޤައުމު އިސްކޮށް ދިވެހީންގެ މަސްލަޙަތު ކުރިއަށް ނެރުމަކީ ދިވެހިންގެ ނިންމުންކަން ހާމަކޮށްދީފައިވާކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގެ ދައުރަކީ އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭނެ ވެރިކަމުގެ ދައުރަކަށް ހައްދަވާނެކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތްކުރާ، ދިވެހީންގެ ރީތި އުޅުމާ ގުޅުންތައް ދަމަހައްޓައި، ދިވެހީންގެ ނަމާ އަބުރު ބައިނަލްއަޤްވާމީ މަސްރަޙުގައި އުފުލައިދޭނެ ސަރުކާރަކަށްވާނެކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބިޢުލްއާޚިރާ މަހުގެ 2 ވަނަ ދުވަހެވެ. ރާއްޖެ އިސްލާމްވިތާ މިއަހަރު މިވަނީ 897 އަހަރު ވެފައެވެ.