ޚަބަރު

ބައެއް ހޮސްޕިޓަލްތަކުން ދޭ ޚިދުމަތްތައް މެދުކެނޑިދާނެކަމުގެ ކަންބޮޑުވުން އެބައޮތް: ފިރުޒުލް


  • ހޮސްޕިޓަލުތަކުގެ ސްޓޮކް މެނޭޖް ނުކުރެވޭނަމަ، ޚިދުމަތްތައް ހުއްޓުމަކަށް އަތުވެދާނެ

  • އައިޖީއެމްއެޗްގައި 5.3 މިލިއަން ޑޮލަރު، ބޭރުގެ ކުންފުނިތަކަށް ނުދައްކާ އެބައޮތް

  • މި ހޮސްޕިޓަލްގެ މަރާމާތައް ބޭނުންވާ ފައިސާ ނެތުމުން، އެ މަސައްކަތްތައްވެސް ވަނީ ހުއްޓިފައި

މިއަހަރުގެ ނޮވެންބަރުމަހު މެދަކާއި ހަމައަށް އަންނައިރު، ބައެއް ހޮސްޕިޓަލްތަކުން ދޭ ޚިދުމަތްތައް މެދުކެނޑުމަކަށް އައިސްދާނެކަމުގެ ކަންބޮޑުވުން އެބައޮތްކަމަށް، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިޤާލީ ކޮމެޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ބާއްވާ ސިލްސިލާ ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ފިރުޒުލް ވިދާޅުވީ، ހޮސްޕިޓަލްތަކާއި، ހެލްތް ސެންޓަރުތަކުން ބޭނުންކުރާ އާލާތްތަކުގެ ސްޓޮކް ޤަވާޢިދުން މެނޭޖް ނުކުރެވޭނަމަ، އެ ތަންތަނުން ދޭ ޚިދުމަތްތައް ހުއްޓުމަކަށް އައިސްދާނެކަމަށެވެ. އެގޮތުން، އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ތަކެތީގެ ތެރޭގައި ހިމެނޭ ސިރިންޖާއި، ލެބޯޓްރީތަކަށް ބޭނުންވާ އެކިކަހަލަ ކެމިކަލްތަކަކީ ޤަވާޢިދުން ސްޓޮކް މެނޭޖް ކުރަންޖެހޭ ސާމާނުތައް ކަމަށް ފިރުޒުލް ވިދާލުވިއެވެ.

އެހެންނަމަވެސް، އިންތިޤާލީ ކޮމެޓީން ކުރި ޒިޔާރަތްތަކުގައި ގިނަ ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތައް ހުރީ މިގޮތަށް ސްޓޮކް މެނޭޖް ކުރެވޭނެ ޙާލަތެއްގައި ނޫންކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. އެގޮތުން، ހޮސްޕިޓަލްތަކަށް މިއަހަރުގެ ފަހު 6 މަސް ދުވަހަށް ބޭނުންވާ ވަރަށް ސާމާނު އޯޑަރ ކޮށްފައިނުވާކަން ފާހަގަކުރެވިފައިވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.

މިގޮތަށް ހޮސްޕިޓަލްތަކުގެ ހާލަތު ހުންނަ ކަމުގައިވާނަމަ، މިއަންނަ ނޮވެންބަރު މަހުގެ މެދަކާއި ހަމައަށް އަންނައިރު، ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުން ދެމުން އަންނަ ބައެއް ޚިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާކަމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"(އަޅުގަނޑުމެންނަށް) ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަކީ (ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކުގެ) މި ޙާލަތު މިގޮތަށް ދެމިގެންހިގައްޖެ ކަމުގައިވާނަމަ، ނޮވެންބަރުމަހުގެ މެދަކައި ހަމައަށް އަންނައިރު، މި ހޮސްޕިޓާތަކާއި، ހެލްތް ސެންޓަރ ތަކުގައި ދެމުންގެންދާ ވަރަށް ގިނަ ޚިދުމަތްތައް އެކީއެކައްޗަކަށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް. އެ ކަންބޮޑުވުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވިފައި އެބައޮތް." ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކަށް ބޭނުންވާ އެކިއެކި ސާމާނުތަކަށް އޯޑަރ ނުކުރެވިފައިހުރީ، ބަޖެޓު ހަމަޖެހިފައި ނެތުމުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ދައުލަތުގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އައިޖީއެމްއެޗްގައި ބައެއް ބަލިތަކަށް ޚާއްސަ ފަރުވާދޭ ސެންޓަރުތަކެއް ހުރިކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދަޅުވީ އެ ސެންޓަރުތަކުން ބޭރުގެ ބައެއް ކުންފުނިތަކާއި ހޮސްޕިޓަލްތަކާއި ގުޅިގެން ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަކަމަށެވެ.

މިގޮތުން ނާފް ސެންޓަރ އަދި ހިތުގެ ބަލިތަކާއި ގުޅޭ ސެންޓަރަށް ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަކަށް ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ހުރިކަން އިންތިޤާލީ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އޭގެތެރޭގައި ގިނައީ އައިޖީއެމްއެޗް އިން ދޭ ޚިދުމަތްތަކަށް ބޭނުންވާ ސާމާނުގެ އަގުތައް ހިމެނޭ ބިލްތައް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އައިޖީއެމްއެޗް އާއި ގުޅޭގޮތުން އިތުރަށް، ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ މިއަހަރުގެ ބާކީ އޮތް މުއްދަތަށް، އެ ހޮސްޕިޓަލަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމެނެނީ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ ފައިސާ އެކަނި ކަމަށެވެ. އަދި ހޮސްޕިޓަލުގެ މެޝިނަރީތަކުގެ މަރާމާތާއި، ހޮސްޕިޓަލުގެ އެހެނިހެން ޚަރަދުތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ނެތުމުން، އެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާކަން، އިންތިޤާލީ ކޮމެޓީއަށް ފާހަގަވެފައިވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.