ޚަބަރު

މަޑުއްވަރީގައި ކެފޭއެއް ހިންގި އިމާރާތެއްގައި ރޯވެ މުޅިން އަނދައިފި


  • މި ހާދިސާ ހިނގީ ރޭ ފަތިހު

  • އިމާރާތް ވަނީ މުޅިން އަނދާ ބޭނުން ނުކުރެވޭވަރުވެފައި

  • މި މައްސަލަ ފުލުހުން އަންނަނީ ތަޙުޤީޤުކުރަމުން

ރ .މަޑުއްވަރީގައި ކެފޭ ހިންގަމުން އަންނަ އިމާރާތެއްގައި ރޯވެ މުޅިން އަނދައިފިއެވެ. މަޑުއްވަރީ ކައުންސިލްއިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ރޭ ފަތިހު 4.40 ހާއިރުކަމަށެވެ.

ކައުންސިލުން ވިދާޅުވީ، ރޯވި އިމާރާތަކީ ކެފޭއެއް ހިންގަމުން ދިޔަ އިމާރާތެއް ނަަމަވެސް، މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން ވިޔަފާރި ހުއްޓާލާފައިވާ ތަނެއްކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު، ކެފޭ ހިންގިއިރު ބޭނުންކުރި ބައެއް މުދާތައް ނެރެފައި ހުރި ނަމަވެސް، މި އިމާރާތް ވަނީ މުޅިން އަދާ ބޭނުން ނުކުރެވޭވަރުވެފައެވެ. މިއީ ލެވިސްޓާ ސްޕޮޓް ކިޔާ، ދެ ފަންގިފިލާއަށް ބޭނުންކުރެވޭގޮތަށް ހަދާފައި ހުރި ތަނެކެވެ.

ރަށުގައި މަސައްކަތް ކުރާ ފުލުހުންނާއި، ކައުންސިލް މެންބަރުންނާއި އާއްމުންގެ އެހީއާއެކު އަލިފާން ނިއްވާލެވުނީ މިއަދު ހެނދުނު 07:00 ހާއިރުކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. އަލިފާން ރޯވަން ދިމާވި ސަބަބު ނޭންގޭކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެެ.

މި މައްސަލަ ފުލުހަށް ހުށައަޅާ އަންނަނީ ތަޙުޤީގުކުރަމުންނެވެ.