ޚަބަރު

ދަނޑުވެރިކަން ފުޅާކުރުމަށް އެ ސިނާޢަތް ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުވާލަންޖެހޭ: ޑރ.ޙުސެއިން


  • ދަނޑުވެރިކަން ފުޅާކުރުމަށް ކުދި ބިންތަކުގައި މަތީއަގުގެ އެކި ބާވަތް އުފައްދަންޖެހޭ

  • ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް ގުޅާލަންޖެހޭ

  • ދަނޑުވެރިކަން ކުރުމަށް ރާއްޖޭގައި އޮތް ބިން ނިސްބަތުން ކުޑަ

ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް އެ ސިނާޢަތް ރާއްޖޭގެ އެއް ވަނަ ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމާއި ގުޅުވާލަންޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅުވާ މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ދަނޑުވެރިކަން ކުރުމަށް ލިބެން އޮތް ބިން ނިސްބަތުން ކުޑަ ޤައުމެއްކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ނުހަނު ބޮޑަށް ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށްވެފައި، އެންމެ ފުޅާ ދާއިރާއެއްގައި އެދާއިރާ ކުރިއަރާފައިވުމާއެކު އެސިނާޢަތާއި ދަނޑުވެރިކަން ގުޅުވާލުމަކީ ދަނޑުވެރިކަންވެސް ކުރިއަރާނެކަންވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ބިންކޮޅު މަދު ޤައުމަކަށްވުމުން ރާއްޖެއަށް ބޭނުންވަނީ ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ކާބޯތަކެތި އުފެއްދޭނެ މަގެއްކަންވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމާއެކު ކުދި ބިންތަކުގައި މަތީ އަގުލިބޭ ފަދަ އުފެއްދުންތައް ހެއްދުމަށް މިނިސްޓަރވަނީ ބާރުއަޅުއްވާފައެވެ.


ރާއްޖޭގައި މިހާރުވެސް ބައެއް ރަށްތައް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ އެތައް ރަށެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާ، އެބާވަތްތައް ޓޫރިސްޓް ރިސޯޓުތަކަށް އަންނަނީ ފޯރުކޮށްދެމުންނެވެ.

ދަނޑުވެރިކަމުގެ ދާއިރާ ފުޅާކޮށް ދަނޑުވެރިންނަށް އެހީވުމަށްޓަކައި ސަރުކާރުންވަނީ ދަނޑުވެރިން އުފައްދާ ބާވަތްތައް ގަތުމަށްޓަކައި، އެގްރޯނެޓްގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. އަދި ދަނޑުވެރިންނަށް ފަސޭހައިން ދަނޑުވެރިކަމާއި ގުޅޭ މަޢުލޫމާތު ލިބޭނެހެން ވެބްސައިޓެއްވެސް ފިޝަރީޒް މިނިސްޓްރީންވަނީ ތަޢާރަފްކޮށްފައެވެ. މީގެ ސަބަބުން މީގެކުރިން ދަނޑުވެރިން ތަމްރީންކުރުމަށް ކުރަމުން އައި ހޭދަވަނީ ކުޑަވެފައިކަން އެމިނިސްޓްރީން ފާހަގަކުރެއެވެ.

ދިވެހި ރުއްތަކަށް ބައްޔެއްޖެހި އެބަލިން ރުއްތައް ސަލާމަތްކުރުމަށްވެސް އެމިނިސްޓްރީންވަނީ މަސައްކަތްތަކެއް ފައްޓަވާފައެވެ. ހަމައެއާއެކު ރުކުގެ އައު ޖީލެއް އުފެއްދުމަށް މުޅި ރާއްޖޭގައި ރުއް އިންދުމުގެ މަޝްރޫޢެއްވެސްވަނީ ކުރިއަށްގެންގޮސްފައެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހެވެ.