ޚަބަރު

މަޝްރޫޢުތަކުން ލިބެންޖެހޭ ފައިސާ ނުލިބި، ކުންފުނިތަކަށް މާލީ ދަތިތަކެއް އެބަހުރި: ފިރުޒުލް


  • ކުރިއަށް އޮތް ދެމަހު ކޭސްފްލޯ އިންޖެކްޓް ކުރަންޖެހޭނެކަމަށް

  • އިދާރާތަކަށް ސިޔާސީ ނުފޫޒް އޮތްކަމަށް

  • އެ މައްސަލަތައް އައު ސަރުކާރުން ހައްލުކުރައްވާނެކަމަށް

ސަރުކާރުގެ މަޝްރޫޢުތައް ހިންގުމުން ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ކުންފުނިތަކުގެ ކޭޝްފްލޯއަށް ދަތިވާކަން އިންތިގާލީ ކޮމިޓީތަކަށް ފާހަގަކުރެވޭކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންތިޤާލީ މަރުހަލާގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ އިންތިޤާލީ މަރުހަލާގެ މަސައްކަތްތަކަށް ސަރުކާރުގެ ކުންފުނިތަކާ ވުޒާރަތަކުން ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. ފިރުޒުލް ވިދާޅުވީ އިންތިޤާލީ މަރުހަލާގައި ހޯދަމުންދާ މަޢޫލޫމާތުތަކުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ފާހަގަވަމުން އަންނަކަމަށެވެ.

އެގޮތުން ސަރުކާރުން ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެކިއެކި މަޝްރޫއުތަކަށް ދޭންޖެހޭ ފައިސާ، ސަރުކާރުން ނުދީ އޮތުމަކީ ކަންބޮޑުވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން މިއަހަރުގެ ކުރިއަށްއޮތް ދެމަހު އެކުންފުނިތަކަށް ފައިސާގެ ދަތިތަކާ ކުރިމަތިވާނެކަމަށާއި، އެއީ ކަންބޮޑުވާކަމެއްކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެކަން ހައްލު ކުރެއްވުމަށް، އައު ސަރުކާރުން މަސައްކަތްތަކެއް ކުރައްވާމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

"ކުންފުނިތަކުގެ ކޭސްފްލޯ ވަރަށް ބޮޑަށް ދަށްވެފައިވަނީ. މިއަހަރުގެ ކުރިއަށް އޮތް ދެމަހުވެސް ކޭސްފްލޯ އިންޖެކްޓް ކުރަންޖެހޭނެކަން ވަނީ ދެނެގަނެވިފައި. މިއީ ހަރުދަނާކޮށް ކުންފުނިތައް ހިންގައިފައިނުވާކަމުގެ މިސާލެއް. އައު ސަރުކާރު ހަވާލުވާއިރު މިކަމަކީ ކަންބޮޑުވާ ބޮޑު މައްސަލައެއް. އެކަމަށް ހައްލުހޯދުމަށް މިދަނީ މަސައްކަތްކުރަމުން" މުޙައްމަދު ފިރުޒަލް ވިދާޅުވިއެވެ.

ފިރުޒަލް ވިދާޅުވީ އެކި ވުޒާރާތަކުގެ ދަށުން އުފައްދާފައިވާ އިދާރާތަކަށް ޤާނޫނީ ގޮތުން މަތިކޮށްފައި އޮންނަ ޒިންމާތައް އަދާކުރުމަށްވެސް ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ފާހަގަވެފައިވާކަމަށެވެ. އެގޮތުން އެންމެ ބޮޑުގޮންޖެހުމެއް ކުރިމަތިވަމުންދަނީ އެ އިދާރާތަކަށް ޤާނޫނީ ޒިންމާ އަދާކުރުމުގައި ސިޔާސީ ނުފޫޒު ފޯރުވަމުންދާތީކަން ދެނެގަނެވިފައިވާކަމަށް ފިރުޒަލް ވިދާޅުވިއެވެ. މިކަމަކީވެސް އައު ސަރުކާރު ހަވާލުވާއިރު އޮތް ބޮޑު ކަންބޮޑުވުމެއްކަން ފިރުޒަލް ފާހަގަކުރެއްވިއެވެ. އައު ސަރުކާރުން މިފަދަ މައްސަލަތައް ޙައްލުކުރައްވާނެކަމަށްވެސް އިންތިޤާލީ މަރުހަލާގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ.