ޚަބަރު

ބްރިޖުގައި ގަވާއިދާ ޚިލާފަށް ދުއްވާނަމަ މިއަދުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޯނަށް އަންނާނެ


  • ނަސޭހަތުގެ މެސެޖު ފޮނުވަން ފެށީ މިއަދު

  • މެސެޖް ދާނީ އުޅަނދުގެ ވެރިފަރާތަށް

  • ދުއްވި ގަޑިއާއި ތާރީޚު މިމެސެޖުން އެނގޭނެ

ސިނަމާލެ ބްރިޖްގައި ދުއްވުމަށް ކަނޑައަޅާފައި އޮންނަ ދުވެއްޔަށްވުރެ ބާރަށް ދުއްވާ ފަރާތްތަކަށާއި، ޤަވާއިދާ ޚިލާފަށް ލޭން ބަދަލު ކުރާފަރާތްތަކަށް ފުލުހުން ނަސޭހަތުގެ މެސެޖު ފޮނުވަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިނަމާލެ ބްރިޖްގައި ދުއްވަން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭގޮތައް އެ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފޯނަށް މިމަހުގެ 15އިން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވޭނެ ކަމަށެވެ. އެގޮތުން ފުލުހުންގެ ހިދުމަތުން މިހާރު މިވަނީ މެސެޖުތައް ފޮނުވަން ފަށާފައެވެ.

ފުލުހުންގެ ހިދުމަތުން ވިދާޅުވީ ފުލުހުންގެ ނަސޭހަތުގެ މިމެސެޖު ދާނީ ސައިކަލު ނުވަތަ އެއުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ މޯބައިލް ނަމްބަރަށެވެ. އަދި އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ފޯނަށް ފޮނުވާ މެސެޖުގައި ދުއްވި ތާރީޚާއި ގަޑި އެނގޭނެހެން ޤަވާއިދާ ޚިލާފުވެފައިވާކަން ބަޔާންކޮށްފައިވާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި މައްސަލައާ ގުޅިގެން ފުލުހުން ފޮނުވާ މެސެޖުގައި އެއްވެސް ލިންކެއް ނުހިމެނޭނެ ކަން ވެސް ފުލުހުންވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޤަވާއިދާއި ޚިލާފުވާކަން ދެނެގަންނާނީ ބްރިޖު ސަރަހައްދުގައި ހަރުކޮށްފައިވާ ސްޕީޑް ކެމެރާތައް ބޭނުންކޮށްގެން ކަމަށެވެ. ފުލުހުން ވިދާޅުވީ އެސަރަހައްދުގައި މިހާރުވެސް ފުލުހުން ޓްރެފިކް ބެލެހެއްޓުމުގައި އަބަދުވެސް ހަރަކާތްތެރިވަމުންދެއެވެ. އަދި ބާރަށް ދުއްވާ ފަރާތްތައް ހުއްޓުވައި ކަނޑައަޅާފައި އޮންނަ މިންގަނޑަށް ދުއްވުމަށް ފުލުހުން ނަސޭހަތްތެރިވަމުންއާދެއެވެ.

މިކަން މިގޮތަށް ކުރަން ޖެހުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ބްރިޖުން ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ބޭނުމުގައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިއަހަރުއެކަނިވެސް ބްރިޖުގައި ނުރައްކާތެރި އެތައް އެކްސިޑެންޓްތަކެއް ހިނގާފައިވެއެވެ.