ޚަބަރު

އައްޑޫ ސިޓީ ފޭދޫގެ މަގުތަކުގައި ބަހައްޓާފައިހުރި ބައު ކާރުތައް ނެގުމަށް އަންގާއިފި


  • މިގޮތަށް އަންގާފައިވަނީ ކުނިކަހާ ސާފުކުރާ ފަރާތްތަކަށް ދަތިވާތީ

  • މި ކާރުތައް ނެގުމަށް ވެރިފަރާތްތަކަށް 15 ދުވެހުގެ މުއްދަތެއް ވަނީ ދެވިފައި

  • މި މުއްދަތުގެ ތެރޭގައި ނުނަގާ ހުރި ކާރުތައް ޓޯރ ކުރާނެ

އައްޑޫ ފޭދޫގައި ބަހައްޓާފައި ހުރި ބައު ކާރުތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގާއިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ ފޭދޫ އަވަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ބައު ކާރުތައް ނެގުމަށްފަހު ބިން ސާފުކުރުމަށް، އެ ތަކެތީގެ ވެރިފަރާތްތަކަށް އަންގަވާފައެވެ.

މިގޮތަށް އަންގަވާފައިވަނީ ބައު ކާރުތައް މަގުމަތީގައި ބަހައްޓާފައި ހުރުމުން، ކުނިކަހާ ސާފުކުރާ ކުރުމަށް ދަތިވާތީ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި "ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ" ޤަވާޢިދުގެ ދަށުން ކާރުތައް ނެގުމަށް 15 ދުވަހުގެ މުއްދަތެއް ދެއްވާފައިވާކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، ދެވޭ 15 ދުވަހުގެ މުއްދަތުގައި ކާރުތައް ނުނަގައިފިނަމަ، ކާރުތައް ޓޯރކޮށް، ކައުންސިލްގެ ބާރުގެދަށަށް ކާރުތައް ގެންދަވާނެ ކަމަށެވެ. އަދި ކައުންސިލުން ކަނޑައަޅާ ވަކި ސަރަޙައްދެއްގާއި ކާރުތައް ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ކާރު ހަލާކުކޮށް، ނައްތާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދަކީ މީހުންނަށް އުނދަގޫވާ ގޮތަށް ނުވަތަ މުޖުތަމަޢުގެ މަސްލަޙަތު ގެއްލޭ ގޮތަށް، ބޭނުމެއް ނެތި އެއްޗެއް ޢާންމުތަނެއްގައި ބަހައްޓާފައި ހުންނަމަ، އެ ތަނަކުން އެ އެއްޗެއް ނެގުމަށް، ވެރިފަރާތައް އެންގުމުގެ ބާރު ކައުންސިލްތަކަށް ދިނުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ ޤަވާޢިދެކެވެ.

މި ޤަވާޢިދުގެ ދަށުން އެ އެއްޗެއް ނެގުމަށް، ވެރިފަރާތައް 15 ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެއެވެ.