ޚަބަރު

ދިވެހިން ބަންޑުންކޮށްލީ ފަލަސްތީނަށް އޮތް ލޯބި


  • "ދިވެހިންގެ ބޮޑު އެއްވުން"ގައި ބައިވެރިވި މީހުންނާއެކު އަރޓިފިޝަލް ބީޗް ފުރާލި

  • މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ހަރަކާތްތައް ކުރިއަށްދިޔަ

  • ފައިސާގެ އެހީ ފޯރުކޮށްދިނުމަށްވެސް ވަނީ ހުޅުވާލާފައި

ދިވެހީން ފަލަސްތީނާއެކު ތިބިކަން ދައްކުވައިދިނުމަށް ރާއްޖޭގައި ބޮޑު ހަރަކާތެއް ފަށައިފިއެވެ. "ދިވެހިންގެ ބޮޑު އެއްވުން" މި ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި، މާލޭގެ އިިތުރުން އަތޮޅުތަކުގައިވެސް ހިނގާލުން ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ހަރަކާތަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި، އިސްރާ އެސޯސިއޭޝަނާއި އަދި ރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކާއި އާއްމުންގެ ގިނަ ބަޔަކު ގުޅިގެން ބޭއްވި ހަރަކާތެކެވެ. ހަރަކާތް ފަށާފައިވަނީ މާލޭގައި ބޭއްވި ސައިކަލު ބުރަކުންނެވެ.

ބޮޑު އެއްވުން ބާއްވާފައިވަނީ މާލެ އަރޓިފިޝަލް ބީޗް ސަރަޙައްދުގައެވެ. މި އެއްވުމުގައި ހުރިހާ އުމުރުފުރައެއްގެ މީހުން ބައިވެރިވިއެވެ. އެގޮތުން ފަލަޞްތީނުގެ ދިދައިގައި ރަމްޒުކޮށްދޭ ކުލަތަކުން ހެދުން އަޅައި، ފަލަސްތީނުގެ ދިދަ ވިހުރުވާ ޝުޢޫރު ފާޅުކޮށްފައިވެއެވެ.

ހަރަކާތް އިންތިޒާމުކުރި އައިއޭސީގެ ފަރާތުން ވަނީ، އިސްރާއީލް-ފަލަސްތީނު ހަނގުރާމައަށް ތާރީޚީ ނަޒަރަކުން ބަލާލުމާއި، އަދި ފަލަސްތީނުގެ ރައްޔިރުން މިހާރު ތަޙައްމަލުކުރަމުންދާ އަޅުވެތިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިވަގުތު ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ޙާލާއި، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއިގުޅޭ މަޢުލޫމާތު މި އެއްވުމުގެ ތެރެއިން ޙިއްސާކޮށްފައިވެއެވެ.

މި ހަރަކާތުގައި ވަނީ އެއް ޢުއްމަތެއްގެ ގޮތުގައި ދިވެހިން ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އޮތް ލޯބި ދައްކާލާފައެވެ. އަދި ޝުޢޫރު ފާޅުކޮށްފައިވެއެވެ. މާލޭގައި ބޭއްވި ސައިކަލު ބުރާއި އެއްވުމުގައިވެސް ގިނަ ޢަދަދެއްގެ އާއްމުން ބައިވެރިވެފައިވެއެވެ.

މާލޭގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މިއަދު ވަނީ ހިނގާލުންތަކާއި އެއްވުންތައް ބާއްވާފައެވެ. އަދި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑު ފޮށިތައް ބަހައްޓާ ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.

ފައިސާގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު އައިއޭސީން ވަނީ ހުޅުވާލާފައެވެ. އެގޮތުން އައިއޭސީގެ އެކައުންޓް 7770000062741 މެދުވެރުކޮށް މިހާރުވެސް ފައިސާގެ އެހީ ފޯރުކޮށްދެވޭނެއެވެ.

އައިއޭސީން ބުނެފައިވަނީ، ވޭތުވެދިޔަ 3-4 ދުވަހުގެ ތެރޭގައި 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފައިސާގެ އެހީގެ ގޮތުގައި މި ފަންޑަން ވަނީ ލިބިފައެވެ. ފައިސާގެ އެހީ ފޮނުުވުމުގައި އެކައުންޓްގެ މަޢުލޫމާތު ކަށަވަރުކުރުމަށް އެ ޖަމިއްޔާއިން އެދެއެވެ. މިކަމާއި ގުޅޭ މަޢުލޫމާތުތައް އައިއޭސީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭނެއެވެ.

ފަލަޞްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް އޮތް 5 ދުވަހުވެސް އެކިއެކި ހަރަކާތްތައް ރާއްޖޭގައި ކުރިއަށްގެންދާނެއެވެ.