ޚަބަރު

ދިޔަމިގިލީ ސްކޫލްގައި 10 ކްލާސްރޫމް ޢިމާރާތްކުރަން ހަވާލުކޮށްފި


  • މަޝްރޫޢު ޙަވާލުކޮށްފައިވަނީ އީކޯ އިންވެސްޓްމެންޓްސްއާ

  • މިމަސައްކަތް 13 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ

  • މިމަޝްރޫޢަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވޭ

ތ.ދިޔަމިގިލީ ސްކޫލްގައި 10 ކްލާސްރޫމްގެ ޢިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ އީކޯ އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 13 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެޑިއުކޭޝަނުން މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 10 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި އީކޯ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ ފަޒުލީން މުޙައްމަދެވެ.

ސަރުކާރު ސްކޫލްތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސްކޫލްތަކުގައި އައު ޢިމާރާތާއި މަލްޓިޕަރޕަސް ހޯލްހެދުމުގެ ގިނަ މަޝްރޫޢުއެއްގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދެއެވެ.

އިތުރުވަމުންދާ ސްކޫލްތަކުގެ އާބާދީއާއެކު ސްކޫލްތަކަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ޖާގަ ތަނަވަސް ޢިމާރާތްކަން ސްކޫލްތަކުން ފާހަގަކުރެއެވެ. އަދި ބައެއް ސްކޫލްތަކުގައި ހުރި އެތައް އަހަރެއްވީ ސްކޫލް ޢިމާރާތުގައި ކިޔަވައިދިނުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަންވެސް ސްކޫލްތަކުން ފާހަގަކުރެއެވެ.