ޚަބަރު

ޓޫރިޒަމް އެވޯޑުގެ، ބެސްޓް ރިސޯޓް އޮފް ދަ އިޔަރ، ޖޯލި މުރަވަންދޫއަށް


  • ޓޫރިޒަމް ގާލާ ނައިޓު ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައި

  • 5 ދާއިރާއަކުން 59 އެވޯޑަކަށް ހުޅުވާލުމުން 88 ފަރާތުން 225 އެޕްލިކޭޝަން

  • މީގެތެރެއިން 31 ފަރާތަކަށްވަނީ އެވޯޑު ދިން

މިއަހަރުގެ "ބެސްޓް ރިސޯޓް އޮފް ދަ އިޔަރގެ" އެވޯޑު ޖޯލި މުރަވަންދޫއަށް ލިބިއްޖެއެވެ. މިއެވޯޑު އެރިސޯޓަށް ލިބިފައިވަނީ މިއަހަރުގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ގާލާ ނައިޓްގައެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ގާލާ ނައިޓްގައިވައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ އެކި ފަރާތްތަކަށް އެވޯޑު ދީފައެވެ. މިއެވޯޑް ޙަފްލާގައި ރަންވަނަ ހޯދި ކެޓަގަރީއިން އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ، "ބެސްޓް ރިސޯޓް އޮފް ދަ އިޔަރ" އެވޯޑަށް މިއަހަރު ހޮވިފައިވަނީ ޖޯލި މުރަވަންދޫއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެތައް ބަޔަކު ބައިވެރިވި މި ހަފްލާގައި، ބެސްޓް ވޯޓަރ ސްޕޯޓްސް ސެންޓަރއަކަށް ހޮވިފައިވަނީ އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ. އަދި ބެސްޓް ޑައިވަރސް ސެންޓަރއަށް ރަސްދޫ ޑައިވަރސް ކުރަމަތި އަދި ބެސްޓް ޓްރެވެލް އޭޖެންސީއަކަށް ވޮޔެޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްވަނީ ހޮވިފައެވެ.

މިފަހަރު މުޅިން އަލަށް ޓޫރިޒަމް ޕްރޮފެޝަނަލްސް އެވޯޑު ތަޢާރަފްކޮށް މިކެޓަގަރީން އެކި ގޮތްގޮތުން ޝަރުޠު ހަމަވާ ފަރާތްތަކަށްވަނީ އެވޯޑުދީފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ އެޕްލިކޭޝަން ހުށައަޅައިގެން އެވޯޑު ދޭގޮތަށް ކުރިއަށްގެންދާއިރު، މިފަހަރުގެ އެވޯޑަށް 5 ދާއިރާއަކުން 59 އެވޯޑަކަށް އެމިނިސްޓްރީން ހުޅުވާލިކަމަށެވެ. އަދި އެފުރުސަތުގައި އެކި ކެޓަގަރީތަކުން 88 ފަރާތުން 225 އެޕްލިކޭޝަން ހުށައަޅާފައިވާކަމަށެވެ. މީގެތެރެއިން 31 ފަރާތަކަށްވަނީ މިޙަފްލާގައި އެވޯޑު ދެއްވާފައެވެ.

މިޙަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށް ކަނޑައަޅާފައިވާ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ޕްލޭނެއްކަމަށެވެ. މިގޮތުން މީހުން ބިނާކޮށް ކުރިއެރުވުމުގައި އެޕްލޭން އިސް ދައުރެއް އަދާކުރާއިރު ފަތުރުވެރިކަމަށް އިތުރު ދިވެހިންނާއި، ބެޑް ކެޕޭސިޓީ އިތުރުކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަން ފެށިގެން އައި ދުވަސްވަރަށްވުރެ ބޮޑަށް މިހާރު ރިސޯޓުތަކުން މުވައްޒަފުން ތަމްރީންކުރުމާއި، މުވައްޒަފުންގެ ދުޅަހެޔޮކަމަކީ މުހިއްމުކަމެއްގެ ގޮތުގައި ދެކޭކެމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފަތުރުވެރިކަން އެހެން ހަރުފަތަކަށް ހެދުމަށް ހުރިހާ އެންމެންގެ އެއްބާރުލުންވެސް ބޭނުންވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ދެމެހެއްޓެނިވި ފަތުރުވެރިކަމަކީ ހަމައެކަނި ބަހަކަށް ނުހަދާ އެއީ ޢަމަލީ ގޮތުން ސާބިތުކުރާކަމެއްކަމަށް ކުރިއަށް އޮތް ތަނުގައިވެސް ހަދާނެކަމަށް އުއްމީދުކުރަނީ. އެކަން މާޒީގައިވަނީ ނަމޫނާ ދައްކާފައި." މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެކި ދުވަސްވަރު މަސައްކަތްކުރެއްވި ބޭފުޅުންނާއި ދައިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި މިހާރުވެސް އެކި ގޮތްގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރައްވަމުންގެންދަވާ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.