ޚަބަރު

"ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ ދިވެހިންގެ މިލްކެއް: ނަސީމް


  • ޤައުމީ ފަތުރުވެރިކަމުގެ ދުވަހަކީ 3 އޮކްޓޫބަރު

  • ޓޫރިޒަމަށް އިތުރު ކަންކަން ތަޢާރަފްކުރަންޖެހޭކަމަށް

  • ގިނަ ގޮންޖެހުންތަކުން ފަތުރުވެރިކަމުގެ ދާއިރާ އަރާގަނެފައިވާކަމަށް

"ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ ރާއްޖެއިން ދުނިޔެއަށް ތަޢާރަފްކުރި ދިވެހިންގެ މިލްކެއްކަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އަދި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހި ފަތުރުވެރިކަމަކީ ފެށުނީއްސުރެވެސް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ކެޕޭސިޓީ ހުރި ދާއިރާއެއްކަމަށެވެ. އެކަމުގައި ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތާއި، ރާއްޖޭގެ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް މުހިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އަދި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ ދިވެހިން ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ނެރެދިން ޕްރޮޑަކްޓެއްކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން މިއަދު މިހިސާބަށް އައުމުގައި މިކޮންސެޕްޓް މުހިއްމު ދައުރެއް އަދާކޮށްފައިވާކަންވެސް މިނިސްޓަރ ނަސީމް ވަނީ ފާހަގަކުރައްވާފައެވެ.

މިވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމާއި ކުރިމަތިވީ އެތައް ގޮންޖެހުމަކުން އަރައިގަތުމުގައި "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ނުހަނު ބޭނުންތެރިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ކޯވިޑްގެ ޙާލަތުން އަރައިގަތުމުގައިވެސް ރާއްޖެއިން ނަމޫނާ ދައްކައިދީފައިވާކަމަށެވެ.

"ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ ދިވެހިން ގެނެސްދިން ދިވެހިންގެ އެއްޗެއް. ރާއްޖޭގެ ޓޫރިޒަމަކީ ވަރަށް ރިޒިލިއަންޓް އެއްޗެއްކަންވަނީ ދައްކައިދީފައި." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަދިވެސް ކުރިއަރުވަން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ނަސީމް ވިދާޅުވީ، ހަމައެކަނި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަން އެކަނި ބޭނުންކޮށްގެން ކުރިއަށްދާ ދާއިރާއަކުން، އިތުރު ހަރުފަތަކަށް މިދާއިރާ ގެންދަންޖެހޭކަމަށެވެ.

"މޫދާއި ކަނޑުއަޑީގެ ރީތިކަމުން އެކަނި ނިންމާލައިގެން ތިބޭކަން ނުޖެހޭ. އިތުރު ދާއިރާތައް ތަޖުރިބާކުރަންޖެހޭ. ރާއްޖެއަކީ 3000 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް ޤައުމެއް. ތަރިކައިގެ ތެރޭގައި އެތައް ކަމެއް ހިމެނޭއިރު، އެކަންކަން ދިރުވާ އާލާކުރަންޖެހޭ." މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އެހެން މިސްރާބަކަށް ގެންދިޔުމަށް ހެރިޓޭޖް ޓޫރިޒަމް ފަދަ ދާއިރާތައް ހޯދާ ބަލައި ދިރާސާކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރިކަ ރައްކާކޮށް ޙިމާޔަތްކޮށް އެއީ ބަދަލުވަމުންދާ ވެރިކަމާއެކު ބަދަލުނުވެ އޮތް ޙަގީގަތަކަށް ހަދަން ޤާނޫނީގޮތުންވެސް މަސައްކަތްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ގާލާ ނައިޓްގައިވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑު ދެއްވާފައެވެ. މިރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާ ކޮޅަށްޖެހުމުގައި މަސައްކަތްކުރެއްވި އެކި ބޭފުޅުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުންދާ އެކި ފަރާތްތަކުންވަނީ ބައިވެރިވެވަޑައިގެންފައެވެ.. ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހެވެ.