ޚަބަރު

އެމް.އައި.ޓީ.ޓީ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ރަޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ ކަމުގައިވާ މޮސްކޯ އިންޓަރނޭޝަނަލް، ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒެބިޝަން، އެމްއައިޓީޓީ ފެއަރ ގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 19 ކުންފުންޏަކުން 42 ފަރާތަކުން ބައިވެރިވެއްޖެއެވެ.

ރަޝިއާގެ މޮސްކޯގައި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއަރގައި ރާއްޖޭގެ ވަފްދުގެ ބޭފުޅުން ރަޝިއާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކޮށް އޭޝިއާ އަދި ޔޫރަޕްގެ އިރުމަތީ ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމް.އެމް.ޕީ.އާރު.ސީ.އިން މައުލޫމާތުދެއެވެ.

ފަތުރުވެރިކަމުގެ ފެއަރތަކުގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނޭ މި ފެއަރގައި މިއަހަރު 192 ގައުމަކުން 1800 ފަރާތަކުން ވަނީ ބައިވެރިވެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބްތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 3.6 އިންސައްތަ ހިއްސާ ކުރަނީ ރަޝިއާގެ ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރު ނިމިގެން ދިޔަ އިރު އެގައުމުން ރާއްޖެއަށް ސާޅީސް ހަތަރު ހާސް ތިންސަތޭކަ ތޭވީސް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.