ޚަބަރު

ޢަދާލަތު ޕާޓީން މަޖިލީހުގެ 5 ދާއިރާއަކަށް ކުރިމަތިލުމަށް މަޝްވަރާފަށައިފި


  • މިހިނގަމުންދާ މަޖިލީހުގައި އަދާލަތު ޕާޓީގެ އެއްވެސް މެމްބަރެއް ނެތް

  • އަދާލަތަށް މިހާތަނަށް ލިބުނީ މަޖިލީހުން އެންމެ ގޮނޑިއެއް، އެއީ 18 ވަނަ މަޖިލީހުގައި

  • އައު ދައުރަށް 5 ދާއިރާއަކަށް ވާދަކުރަން މަޝްވަރާތައް ވަނީ ފަށާފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީން 5 ދާއިރާއަކަށް ކުރިމަތިލުމާއި މެދު މަޝްވަރާކޮށްފިއެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު ޢަލީ ނަޒީރު ވިދާޅުވީ، ރޭ ބޭއްވި އަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ 5 ދާއިރާއަކަށް އެޕާޓީން ވާދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި މިކަމުގައި ގޮތެއް ނިންމުމުގެ ކުރިން ޕާޓީގެ ގޮފިތަކާއި ދާއިރާތަކާއި އިތުރަށް މަޝްވަރާކުރުމަށްވެސް މިބައްދަލުކުރެއްވުމުގައި ނިންމާފައިވާކަމަށް ޢަލީ ނަޒީރު ވިދާޅުވިއެވެ.

ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް އަދާލަތު ޕާޓިން ވާދަކުރިއެވެ. ނަމަވެސް އެއްވެސް ގޮނޑިއެއް އެޕާޓީއަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެންމެ ފަހުން އަދާލަތު ޕާޓީން މަޖިލީހުގައި ތަމްސީލްކޮށްފައިވަނީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. އެއީ މަކުނުދޫ ދާއިރާ އެކަންޏެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. ހިނގަމުންދާ މަޖިލީހުގައި 87 ދާއިރާ އޮވެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެމްބަރުން އިންތިޚާބުކުރުމަށްވަނީ ކަނޑައަޅާފައެވެ.