ކުޅިވަރު

ކިރްގިސްތާން އަތުން ބަލިވިޔަސް ރާއްޖެއިން ދެއްކީ އުއްމީދީ ކުޅުމެއް


އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕުގެ ކޮލިފައިން ފަހު މެޗުގައި ކިރްގިސްތާން އަތުން ބަލިވި ކަމުގައިވިޔަސް، ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން އުއްމީދީ ކުޅުމެއް ދައްކައިފިއެވެ.

ކިރްގިސްތާންގެ ބިޝްކެކުގައި ކުރިއަށްދާ ކޮލިފައިންގައި އެ ޤައުމާ ދެކޮޅަށް ރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 8-3 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ރާއްޖެ ނުކުމެފައިވަނީ ބަދަލުތަކަކާއެކުއެވެ. އެގޮތުން މި މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައިވަނީ ކޮލިފައިންގައި މޮޅު ކުޅުމެއް ދެއްކި އަލީ ހާފިޒް (ހާއްޕެ) އެވެ.

މި މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ކިރްގިސްތާނުން ލީޑު ނެގި ނަމަވެސް، ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އަލީ ޝާފިއު (ޝާއްޕެ) ވަނީ ލަނޑެއް ޖަހައި ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކިރްގިސްތާނުން ވަނީ އިތުރު ދެ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކިރްގިސްތާނުން އިތުރު ދެ ލަނޑު ޖަހާފައި ވަނިކޮށް، ރާއްޖޭގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހާއްޕެއެވެ. މިއީ ގޯލަށް ވަންނަށް ދިޔަ ބޯޅައެއް ހުއްޓުވަން ކިރްގިސްތާނުގެ ކުޅުންތެރިއެއް އަތުން ޖެއްސުމާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

އެކަމަކު މާ ގިނައިރުތަކެއް ނުވެ ކިރްގިސްތާނުން ވަނީ އެ ޓީމުގެ ހަވަނަ ލަނޑު ޖަހާފައެވެ. ނަމަވެސް މި ހާފުގެ 11 ވަނަ މިނިޓުގައި ހާއްޕެ ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މި މެޗުގައި ރާއްޖޭން ތިންވަނަ ލަނޑެއް ޖެހިތާ ދެ މިނިޓު ފަހުން ކިރްގިސްތާނުން ހަތްވަނަ ލަނޑެއް ޖެހިއިރު، އެ ޓީމުގެ އަށްވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށެވެ.

މި މެޗުގައި ހާއްޕެ ދެ ލަނޑު ޖެހިއިރު، ކޮލިފައިންގައި ކުޅުނު ތިން މެޗުގައި ރާއްޖޭން މުޅިއެކު ޖެހި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ ހާއްޕެއެވެ. އަދި އޭނާ ވަނީ ކުޅުނު ތިން މެޗުގައިވެސް ލަނޑު ޖަހާފައެވެ.

މިދިޔަ އަހަރުގެ ކޮލިފައިންގައިވެސް ރާއްޖެ ވަނީ ކިރްގިސްތާނާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުން ރާއްޖެ ބަލިވީ 7-1 ގެ ނަތީޖާއަކުންނެވެ.

އަދި މި ފަހަރުގެ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ އިރާނާ ވާދަކޮށް ރާއްޖެ ބަލިވީ 18-2 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ލުބުނާނުން ރާއްޖެ ބަލިކުރީ ފަހަތުން އަރައި 6-1 ގެ ނަތީޖާއަކުންނެވެ.