ޚަބަރު

ފަލަސްޠީނަށް އެހީވާން ޓެލެތޯނެއް ބާއްވަނީ


  • ޓެލެތޯން ކުރިއަށްދާނީ ހުކުރު ދުވަހުން ފެށިގެން

  • މިމަހުގެ 17ގެ ނިޔަލަށް ކުރިއަށްދާނެ

  • މިސްކިތްތަކުގެ ބޭރުގައި ފަންޑު ފޮށިތައް ބަހައްޓާނެ

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި މީޑިއާތަކާއި، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. މި ޓެލެތޯން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން މިމަހުގެ 17ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އިސްރާޢީލުގެ ޔާހޫދީން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސަނީ ޢަމަލުތަކުގައި، ޣާޒާގެ އެތައް ބައެއް ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ. އަދި އެތަކެއް އާއިލާއެއްގެ ގެތައް ފުޑުފުޑުކޮށްލާ ވަނީ ހާލުގައި ޖައްސާފައެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފަލަސްޠީންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމަށްޓަކައި މީޑިއާއާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު ޢަލީ ވިދާޅުވީ، އެ ޖަމުޢިއްޔާއިން އަބަދުވެސް ފަލަސްޠީނަށް ޚާއްސަ އަހައްމިއްޔަތެއްދޭ ކަމަށާއި، ފަލަސްޠީނަކީ ދިވެހީންނަށް ވަރަށް ޚާއްސަ ތަނެއް ކަމަށެވެ.

އެހެންކަމުން ޔަހޫދީ އިސްރާއީލުން، ފަލަސްޠީންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާގައި، ހާލުގައި ޖެހިފައިތިބި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މީޑިއާތައް ގުޅިގެން ޚާއްސަ ޓެލެތޯނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ދުވަސްތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށާއި، ޓެލަތޯން ނިންމާލާނީ 17 ވަނަ ދުވަހުގެ ދަންވަރު 12:00 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ހޮނިހިރު އާދިއްތަ ހޯމަ މި ދުވަސްތަކުގައި ކުޑަ ވަގުތުކޮޅެއްއްގެ ތެރޭގައި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައި. 17 ވަނަ ދުވަހު ހެނދު 6 އިން ފެށިގެން ދަންވަރު 00:00 ޖަހަންދެން ތެލަތޯން ކުރިއަށް ގެންދާގޮތައް މީޑިއާތަކުން މިވަނީ އެއްބަސް ވެފައި. ކުރިއަށް އޮތް ދުވަސްތަކުގައި ބައިވެރިވާ މީޑިއާތައްވެސް ހާމަކުރާނެ. " އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު ޢަލީ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އައިއޭސީގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ، އަންނަ ހުކުރު ދުވަހު ހެނދުނު 11 ޖަހާއިރު، މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑު ފޮށި ބަހައްޓަން ނިންމާފައިވާކަމަށެވެ. އޭނާ ވަނީ މާލޭ ސަރަހަައްދުގެ އިތުރުން މުޅި ރާއްޖޭގައި އެ ހަރަކާތް ކުރިއަށް ގެންދިއުމަށް އެދިިވަޑައިގެންފައެވެ.

އަދި އަންނަ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ކަނބަލުންގެ އެއްވުމަކާއި، ހުކުރު ދުވަހު ކާރު ސައިކަލު އެސޯސިއޭޝަންތަކުން ބާއްވާ ފަންޑް ރައިޒިން އިވެންޓެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނާނެކަމަށް ނައިފް ވިދާޅުވިއެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ހިމޭން އިހްތިޖާޖެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ނާއިފް ވިދާޅުވިއެވެ.


"މި ހުރިހާ ހަރަކާތެއްގެ ތެރެއިން ވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމުގެ ފުރުސަތު ހުޅުވާލެވިފައި އޮންނާނެ. ވީހާ ވެސް ގިނަ މީހުން، ވީހާ ވެސް ދެމެހެއްޓެނިވި ގޮތެއްގައި އެ ގައުމުގެ ރައްޔިތުންނަށް އެހީވެލައްވާ. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އިލްތިމާސް ކުރަން އަހްލާގީ މިންގަނޑު ހުރިހާ އެންމެން ވެސް ހިފެހެއްޓުމަށް." އައިއޭސީގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވިއެވެ.

މި މަހުގެ ހަތްވަނަ ދުވަހުގެ އިސްރާއިލުން ފަލަސްޠީންއަން ހަމަލާދޭން ފެށިފަހުން އައިއޭސީން ވަނީ ތިން ހޮސްޕިޓަލެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އަދި މިހާރު ވެސް ފަލަސްތީނުގެ ރައްޔިތުންނަށް 1،000 ފުޑް ޕެކޭޖު ބެހުމުގެ މަސައްކަތް ޣައްޒާގައި ކުރިއަށްދާ ކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. އިސްރާޢީލުން މީގެ ކުރިންވެސް ފަލަސްތީނަށް ދިން ހަމަލާތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގައި ވަނީ ފަންޑް ރައިޒިން އިވެންޓަކާއި، ޓެލެތޯނެއްވެސް ކުރިއަށްގެންގޮސްފައެވެ. އަދި އެ ހަރަކާތްތަކުން ލިބުނު ފައިސާއިން ފަލަސްޠީންގެ އެތަކެއް ރައްޔިތުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.