ޚަބަރު

ކުރިއަށް ހުރި އިންތިޚާބުތަކުގައި، ކެންޑިޑޭޓުން ނެރޭނީ ޕީޕީއެމް/ޕީއެންސީ އާއި އެއްކޮށް: އެމްއެންޕީ


  • ޕީޕީއެމް ޕީއެންސީއާއެކު އެމްއެންޕީއިން ހަދާފައިވަނީ 5 އަހަރުގެ އެއްބަސްވުމެއް

  • ކޯލިޝަން ދެމެހެއްޓުމަށް އެއްބާރުލުން ދެއްވާނެކަމަށް ނާޒިމް ވިދާޅުވި

  • މި އެއްބަސްވުން ޤައުމީ މަޖިލީހާއި ހިއްސާކުރާނެކަމަށް ވިދާޅުވި

ކުރިއަށް ހުރި ހުރިހާ އިންތިޚާބުތަކެއްގައި ވާދަކުރުމަށް ކެނޑިޑޭޓުން ނެރޭނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެއްކޮށް ކަމަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމް.އެން.ޕީގެ މައި ޖަހަގައިގައި ރޭ ބޭއްވި އެޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ 9 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ނާޒިމް ވިދާޅުވީ، ޕީޕީއެމް ޕީއެންސީއާއެކު ގުޅިގެން މަސައްކަތް ކުރުމަށް ހެދިފައިވާ އެއްބަސްވުމަކީ ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގައި ކުރިއަށް ހުރި އިންތިޚާބުތަކުގައި 3 ޕާޓީއިން އެކުގައި ވާދަކުރުމާއި ބެހޭގޮތުން ވަކި މާއްދާއެއް ހިމަނާފައިވާނެކަމަށެވެ.

އެގޮތުން، މާލޭ މޭޔަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރާ އިންތިޚާބުން ފެށިގެން، 2024 ވަނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އަދި އެހެނިހެން ހުރިހާ އިންތިޚާބުތަކުގައިވެސް، 3 ޕާޓީއިން ވެސް ކެނޑިޑޭޓުން ވާދަކުރުމަށް ބޭނުންވާނަމަ، 3 ޕާޓީގެ މެމްބަރުންގެ މެދުގައި ޕްރައިމަރީ އެއް ބޭއްވޭނެކަމަށާއި، އިންތިޚާބުގައި ވާދަކުރާނީ ޕްރައިމަރީ އިން ހޮވޭ ފަރާތެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ޕްރައިމަރީ ކާމިޔާބުކުރާ ފަރާތަކަށް، 3 ޕާޓީއިންވެސް އިޙްތިރާމްކުރާނެ ކަމަށާއި، އެފަރާތަކަށް އިންތިޚާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކުގައި ކުރުމަށްވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ކާނަލް ނާޒިމް ވިދާޅުވީ، ޑރ. މުޙައްމަދު މުޢިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވި 7 އިންސައްތަ ވޯޓު ލިބުނީ، އިންތިޚާބުގެ ދެވަނަބުރުގައި އެމް.އެން.ޕީ އިންވެސް އެކަމަށްޓަކައި ގިނަ މަސައްކަތެއް ކޮށްގެން ކަމަށެވެ. އެހެންކަމުން ޕީޕީއެމް ޕީއެންސީގެ ސަރުކާރު ދެމެހެއްޓުމަށް އަދި ސަރުކާރު ހިންގުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން، ކުރިއަށް އޮތް 5 އަހަރަށް އެމް.އެން.ޕީއިން ދޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

"އިންތިޚާބުތަކުގައި ވާދަކުރުމާއި ބެހޭގޮތުން، 3 ޕާޓީ އިން އެއްބަސްވެފައިވާ މާއްދާއެއް މި އެއްބަސްވުމުގައި އޮންނާނެ. އެއީ ހުރިހާ އިންތިހާބެއްގައިވެސް 3 ޕާޓީ އިން ކެނޑިޑޭޓުން ވާދަކުރާނަމަ، 3 ޕާޓީގެ އާއްމު މެމްބަރުންގެ މެދުގައި (އެ އިންތިހާބީ ދާއިރާއެއްގެ) ޕްރައިމަރީ އެއް ބާއްވާ، ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތުން އެ އިންތިހާބުގައި ވާދަކުރުން. އަދި ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތަކަށް 3 ޕާޓީގެ އާއްމު މެމްބަރުންނާއި ލީޑަޝިޕުން އެއްބާރުލުން ދިނުން" ކާނަލް ނާޒިމް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީއާއެކު ހެދިފައިވާ އެއްބަސްވުން ޕާޓީގެ ޤައުމީ ކައުންސިލް މެމްބަރުންނާއި ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށާއި، ކުރިއަށް ހުރި އިންތިޚާބުތަކުގައި ވާދަކުރުމަށް، މި އެއްބަސްވުމުގައިވާ ކަންތައްތައް ކައުންސިލް މެމްބަރުންނަށް އެނގުމަކީ މުހިއްމު ކަމެއްކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އެމް.އެން.ޕީއަކީ އަބަދުވެސް ގައުމުގެ ހެވާއި ލާބައަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށާއި، އެމްއެންޕީ އުފެދިގެން އައީ އެ އަސާސްތަކުގެ މައްޗަށް ކަމަށާއި، އެހެންކަމުން އެގޮތުގައި ދެމިތިބޭނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.