ޚަބަރު

ސްކޭމްތަކުން ރައްކާތެރިވުމަށް ފައިސާ ފޮނުވެނީ ކޮން ފަރާތަކަށްކަން ޔަޤީން ކުރޭ!


  • އޮޅުވާލައިގެން ފައިސާ ހޯދުންވަނީ އިތުރުވެފައި

  • ފޭސްބުކް އެކައުންޓު ހެކްކޮށްގެން ފައިސާ ހޯދުމުގެ މައްސަލަތައް ގިނަ

  • ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށްކަން ޔަޤީންކުރޭ

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދުން މި ދުވަސްވަރުވަނީ އާއްމުވެފައެވެ.

އެގޮތުން ފޭސްބުކް އެކައުންޓް ހެކްކޮށްގެންނާއި އެކި ކަހަލަ ވިޔަފާރި ޕޭޖްތައް ހަދައިގެން އެއްޗެހި ވިއްކުމަށްކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ.

މިފަދަ ކަންތައްތަކަށް އާއްމުން ހޭލުންތެރިކުރުވުމަށް ފުލުހުންނާއި ބޭންކުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އޮޅުވާލައިގެން ފައިސާ ހޯދުމަށް ސްކޭމްކުރާ ފަރާތްތަކުން ގެންގުޅޭ އުކުޅުތައް އާއްމުކޮށް، އެކަންކަމަށް ފަރުވާތެރިވުމަށް ދަނީ އިލްތިމާސްކުރަމުންނެވެ.

އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދިޔުމާއި ގުޅޭގޮތުން ބީ.އެމް.އެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސަޢީދު ވިދާޅުވީ، އާއްމުކޮށް ސްކޭމްތައް ކުރަމުންދަނީ އެ އިރެއްގައި އާއްމުންގެ ތެރޭގައި މަޤްބޫލުކަން އޮންނަ ކަންކަމަށް ކަމަށެވެ.

"މިސާލަކަށް ފްލެޓްތަކާއި ގުޅޭ، މަދު ޓްރާންސްސެކްޝަނެއް ނަމަވެސް ބޮޑު އަދަދުތަކަކުން އެބަ ހުރި ފައިސާ ހޯދާފަ، އަދި ފްލެޓަށް ހުށަ ނާޅާ ފަރާތްތައްވެސް އެބަހުރި ފައިސާ ފޮނުވާފައިވެސް،" ސައީދު ވިދާޅުވިއެވެ.

ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކާކަށްތޯ ޔަޤީންކުރަން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ފައިސާ ފޮނުވިއްޖެނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށްވެސް ބީ.އެމް.އެލްއިން އިލްތިމާސްކުރެއެވެ.

ސައީދު ވިދާޅުވީ، އާއްމުންގެ ވަރަށް ގިނަ ފަރާތްތައް އުފައްދާ ސުވާލަކީ ލިންކްތަކަށް ފިއްތާލުމުން ފައިސާ ގެއްލެނީ ކީއްވެގެން ތޯ ކަމާމެދުއެވެ. އެހެންނަމަވެސް ކަންތައް ހިނގަނީ އެހެން ނޫންކަން ސައީދު ފާހަގަކުރެއްވިއެވެ.

" ލިންކަށް ފިތާލީމަ ދަނީ ބޭންކުގެ އިންޓަރނެޓް ބޭންކިންގ ޕޭޖާއި އެއްގޮތް ޕޭޖަކަށް، އެ ޕޭޖުގައި ކަސްޓަމަރެއްގެ އިންޓަރނެޓް ބޭންކިންގ ޔޫސާ ނޭމް އަދި ޕާސްވޯޑް އެބަލިބޭ، އެ ހިސާބުން އެ ސްކޭމް ކުރާ ފަރާތަށް އެބަ ލިބޭ ކަސްޓަމަރުގެ މައުލޫމާތުތައް، ދެން އޯޓީޕީވެސް އެ ޕޭޖްގަ ޖެހީމަ، އެވެސް އެލިބުނީ އެފަރާތަށް،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ޑޮލަރުގެ މުއާމަލާތްތަކާއި ގުޅޭ ފައިސާގެ މައްސަލަތައްވެސް ގިނަ ކަމަށެވެ. އެގޮތުން އޮންލައިން ގުރޫޕްތަކުން ޑޮލަރު ގަތުމަށް މީހުންނަށް ފައިސާ ފޮނުވުމަށްފަހު، ޑޮލަރު ނުލިބުން ފަދަ މައްސަލަތައް އިތުރުވަމުންދާކަން ސައީދު ފާހަގަކުރެއްވިއެވެ.