ޚަބަރު

އީޔޫގެ އޮބްޒާވަރ މިޝަންއާއި އިންތިޚާބީ ރައީސް ބައްދަލުކުރައްވައިފި


  • އިންތިޚާބުގެ ކަންކަން ބެއްލުވުމަށް އީޔޫއިން ދެއްވި ސަމާލުކަން ފާހަގަކުރެއްވި

  • މިނިވަން މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރައްވާނެކަމަށް ވިދާޅުވި

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަރ މިޝަންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބުގެ ކަންކަން ބެއްލުވުމަށް ޔޫރަޕިއަން ޔޫނިއަނުން ދެއްވި ސަމާލުކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އޮބްޒާވަރ މިޝަންގެ މަސައްކަތްތަކުގެ ސަބަބުން، އިންތިޚާބުތަކާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާވެގެންދިޔުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވަނީ އެ މަނިކުފާނުގެ ދައުރުގައި، މިނިވަން މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، މުސްތަޤިއްލުކަން ކަށަވަރުކުރުމަށް މަސައްކަތްކުރަވާނެކަމަށް ވިދާޅުވެފައެވެ.

އިންތިޚާބުގެ ކަންކަމާއި އިންތިޤާލީ މަރުޙަލާގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުއިޔަށްދާކަން ފާހަގަކުރައްވައި، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަރ މިޝަންއިން، އެކަންކަމަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. ރިޔާސީ އިންތީޚާބާ ގުޅޭގޮތުން އެ މިޝަނުން ތައްޔާރުކުރައްވާފައިވާ ރިޕޯޓު، މި ބައްދަލުވުމުގެ ތެރެއިން ވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.